ފަލަސްތީނުގެ އިމާމުގެ މަރާ ގުޅުމެއް ނެތް ކަމަށް އިޒްރޭލުން ބުނެފި

ތެލް އަވީވް (އެޕްރީލް 22) - ފަލަސްތީނުގެ އިމާމަކު މެލޭޝިއާގައި މަރާލުމުގެ ފަހަތުގައި ވަނީ އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާދު ކަމަށް ދެކެވޭ ވާހަކަތައް އެ ގައުމުގެ ޑިފެންސް މިނިސްޓަރު އަވިގްދޯ ލީބަމަން ދޮގު ކުރައްވައިފި އެވެ.


އޭނާ ވިދާޅުވީ ދީނީ އިލްމުވެރިއެއް ކަމަށްވާ ފާދީ އަލް ބަތަޝް، 35، މަރާލީ ފަލަސްތީނުގެ އެތެރޭގެ ހަމަނުޖެހުމެއްގައި ކަމަށް ބެލެވޭ ކަމަށެވެ. ބަތަޝް މަރާލީ ސައިކަލެއްގައި މިދިޔަ ދެ މީހުން ބަޑިން ހަމަލާ ދީގެންނެވެ. ބަތަޝްގެ ގަޔަށް ވަނީ 10 ވަޒަން ޖަހައިފަ އެވެ.

ބަތަޝްގެ އާއިލާ އިން ބުނެފައި ވަނީ މަރުގެ ފަހަތުގައި ވަނީ މޮސާދު ކަމަށެވެ. ނަމަވެސް ލީބަމަން ވިދާޅުވީ ބަތަޝް މަރާލުމުގެ ފަހަތުގައި ވަނީ ހަމާސް ކަމަށް އޭނާ އަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އޭނާ މަރާލި ވާހަކަ އެހީ ޚަބަރުން ކަމަށާއި މި ބާވަތުގެ ކޮންމެ މަރެއްގެ ތުހުމަތު އިޒްރޭލުގެ ބޮލުގައި އެޅުވުމަކީ އާއްމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަމާސް އިން ވެސް ބުނެފައި ވަނީ އެ ޖަމާއަތުގެ ތަޖްރިބާ ހުރި މީހުން އިޒްރޭލުން މަރަމުންދާ ކަމަށެވެ. އަދި ދާދި ފަހުން ވަނީ ހަމާސްގެ ޑްރޯން އެކްސްޕާޓެއް ކަމަށްވާ ޓިއުނީޝިއާ މީހަކު ވެސް މަރާލައިފަ އެވެ.

މެލޭޝިއާ އިން މިހާރު ދަނީ އެ ހާދިސާ ތަހުގީގު ކުރަމުންނެވެ. ބަތަޝް މެލޭޝިއާގައި އުޅޭތާ 10 އަހަރު ވެއްޖެ އެވެ. އޭނާ އަކީ މިސްކިތުގެ އިމާމެއްގެ އިތުރުން އިލެކްޓިކަލް އިންޖިނޭރިންގެ ލެކްޗަރާއެކެވެ.

މޮސާދުން 1997 ވަނަ އަހަރު ވަނީ ހަމާސްގެ ލީޑަރު ޚާލިދު މިޝާލް ޖޯޑަންގައި މަރާލަން މަސައްކަތް ކޮށްފަ އެވެ. ހަމާސްގެ ލީޑަރެއް ކަމަށްވާ މަހްމޫދު އަލް މަބޫހް ދުބާއީގެ ހޮޓަލެއްގައި 2010 ވަނަ އަހަރު މަރާލުމުގެ ތުހުމަތު ކޮށްފައި ވަނީ ވެސް މޮސާދަށެވެ.