އަމާޒަކީ ޣައްޒާ އާއި ހުޅަނގު އައްސޭރިން ފަލަސްތީނު މީހުން ހުސްކުރުން ކަމަށާއި އެ ބިންތަކުން މީހުން ނުކުމެ ހިޖުރަކުރަން މަޖުބޫރުވާނެ ސިޔާސަތުތައް ހިންގަން ބާރު އަޅަމުން ގެންދާނެ ކަމަށް އިޒްރޭލުގެ ހައްދުފަހަނައެޅި ކަނާތުފިޔައިގެ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް އިއްޔެ ބުނެފި އެވެ. 

ސްމޮޓްރިޗް އޭނާގެ ރިލިޖަސް ޒަޔަނިޒަމް ޕާޓީގެ އިވެންޓެއްގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ ވިސްނުމަކީ "ޓެރަރިޒަމް ހިންގާ އަރަބި ދައުލަތެއް އުފެއްދުން" ކަމަށް ސިފަކުރަމުން ބުނީ އެކަން ވިޔަ ނުދޭނެ ކަމަށެވެ. 

އިޒްރޭލާއި ފަލަސްތީނަށް ވަކި ދެ ދައުލަތެއް އުފެއްދުމަށް ކަނޑައަޅާފައިވާ އޮސްލޯ މުއާހަދާއަށް އިޝާރާތްކުރަމުން އޭނާ ބުނީ އެ މުއާހަދާއަކީ މުސީބާތެއް ކަމަށާއި "އެންމެ ފަހުން ހުރިހާ ކަމެއް ނިންމާނީ އެ މުއާހަދާ އުވާލާފައި" ކަމަށެވެ. އަދި ޣައްޒާ އާއި ހުޅަނގު އައްސޭރިން މީހުން ހިޖުރަކުރުމަށް ބާރުއަޅަމުން ގެންދާނެ ކަމަށް ވެސް ބުންޏެވެ. 

"މި ނޫނީ ދިގު މުއްދަތުގެ ހައްލެއް މިކަމަކަށް ނެތް،" ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިވެފައިވާ ސަރަހައްދެއްގައި އުޅެމުންދާ ސްމޮޓްރިޗް ބުންޏެވެ. 

އޮސްލޯ މުއާހަދާއާ އެކު 1990ގެ ތެރެއިން ފެށިގެން ހުޅަނގު އައްސޭރީގައި ފަލަސްތީނު ސަރުކާރުގެ ބެލުމުގެ ދަށުގައި އޮންނަ ސަރަހައްދުތަކެއް ވެސް ހިމެނޭ ގޮތަށް އެ ތަންތަން ފޭރުމަށް އިޒްރޭލުން މިދިޔަ ހަފްތާއިން ފެށިގެން ގެންދަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ. މިކަމުގައި އިޒްރޭލު ސަރުކާރުން ބޭނުންކުރަނީ ހަރުކަށި ފިކުރުގެ ވަޒީރުންނެވެ. 

އޭގެ ތެރޭގައި ހުޅަނގު އައްސޭރީގައި ހުރި ބިންތައް އިޒްރޭލުގެ ތަންތަނުގެ ގޮތުގައި ރަޖިސްޓްރީ ކުރުމާއި، އިޒްރޭލުގެ ޔަހޫދީންނަށް ސީދާ ބިން ގަތުމުގެ ފުރުސަތު ފަހިކޮށްދިނުން ހިމެނެ އެވެ.

މި ނިންމުންތަކާ އެކު އެކި ގައުމުތަކުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. 

އިޒްރޭލުން ހުޅަނގު އައްސޭރީގެ ބިންތައް ނަގަން ނިންމުމުން އދ.ގެ 85 ގައުމަކުން އެކަން ކުށްވެރިކޮށް ބަޔާން ނެރެފައިވެ އެވެ. އެ ބަޔާނުގައި ބުނީ އިޒްރޭލުގެ ނިންމުމަކީ ފަލަސްތީނުގެ ބިމުގެ މައްޗަށް އިޒްރޭލުން ޣައިރު ގާނޫނީކޮށް ވެރިވެގަތުން ނޫން އެހެން ކަމެއް ނޫން ކަމަށެވެ. 

"ހުޅަނގު އައްސޭރީގައި އިޒްރޭލުން ގާނޫނާ ހިލާފުވެ އިޒްރޭލުގެ ނުފޫޒު ގަދަކުރުމަށް ނިންމި ނިންމުންތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

މިކަން ވަގުތުން ހުއްޓާލަން ގައުމުތަކުން ގޮވާލާފައި ވާއިރު އިޒްރޭލުގެ ބައެއް އަމިއްލަ ޖަމާއަތްތަކުން ވެސް ވަނީ އިޒްރޭލުގެ އަމަލުތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

އިޒްރޭލުން ހިފާފައިވާ އިރުމަތީ ގުދުސް ނުހިމަނާ، އިޒްރޭލުގެ 500،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެނީ ހުޅަނގު އައްސޭރީގެ އާބާދުތަކާއި އައުޓްޕޯސްޓްތަކުގަ އެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފް ކަމެކެވެ. 

އިޒްރޭލުން 1967 އިން ފެށިގެން ހިފާފައި އޮންނަ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ތިން މިލިއަނެއްހާ މީހުން އުޅެ އެވެ. -- އޭއެފްޕީ