ސީރިޔާ ހަނގުރާމަ ދިގުދަންމަނީ އެމެރިކާ އާއި އިނގިރޭސީން: ބައްޝާރު

ސީރިޔާގައި ހިގަނމުންދާ ދާޚިލީ ހަނގުރާމަ ހުއްޓުނަ ނުދީ ދިގުދަންމަނީ އެމެރިކާ އާއި އިނގިރޭސި ވިލާތުން ކަމަށް ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވެއްޖެ އެވެ.


ބައްޝާރު ވިދާޅުވި ގޮތުގައި މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ސީރިޔާގެ ދޫމާގައި ދިން ކެމިކަލް ހަތިޔާރުގެ ހަމަލާއަކީ ވެސް އިނގިރޭސި ވިލާތް އަޑީގައި އޮވެގެން، އިސްލާމިކް ސްޓޭޓް (އައިއެސް) ހަނގުރާމަވެރިން ލައްވައި ކުރުވި ކަމެކެވެ. އޭގެ އިތުރުން ވެސް އިނގިރޭސީން ދަނީ އައިއެސް ޖަމާއަތަށް އެހީތެރިވަމުން ކަމަށް ވެސް ބައްޝާރު ވިދާޅުވި އެވެ.

އެޕްރީލް މަހުގެ ތެރޭގައި ދިން އެ ހަމަލާގައި އާންމުންގެ 42 މީހަކު މަރުވި އެވެ. އެ ހަމަލާ އަށް ބަދަލު ހިފުމުގެ ގޮތުން އެމެރިކާ އިން ވަނީ ސީރިޔާ ސަރުކާރުގެ ސިފައިންގެ އަމާޒުތަކަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. އެމެރިކާ އާއި ވިލާތުން ތުހުމަތުކުރާ ގޮތުގައި ކެމިކަލް ހަމަލާ ދިނީ ސީރިޔާ ސަރުކާރު ސިފައިންނެވެ.

ސީރިޔާގައި ހަރަކާތްތެރިވާ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމާއަތެއް ކަމަށްވާ "ވައިޓް ހެލްމެޓްސް" އިން ބުނި ގޮތުގައި ކްލޮރިން ހިމަނައިގެން ހަދާފައި ހުރި ބޮންތަކެއް އާންމުން ދިރިއުޅޭ ސަރަހައްދަކަށް އަޅައިލީ ސީރިޔާ ސަރުކާރު ސިފައިންގެ މަތިންދާބޯޓުތަކުންނެވެ. އެ ހަމަލާގެ ސަބަބުން ލިބުނު ގެއްލުންތަކެއް ކަމަށް ބުނެ، ހުޅަނގުގެ މީޑިއާ އިން ވަނީ ކުޑަކުދިންތަކަކާއި އަންހެނުންތަކެއް ނޭވާ ހާސްވެ އަނގައިން ފޮނު ނުކުންނަ ވީޑިއޯތަކާއި ފޮޓޯތަކެއް އާންމު ކޮށްފަ އެވެ.

ނަމަވެސް ބައްޝާރު ވިދާޅުވި ގޮތުގައި އެ ވީޑިއޯ އާއި ފޮޓޯތަކަކީ ހަގީގީ މަންޒަރުތަކެއް ނޫނެވެ. އެއީ ސީރިޔާ ސިފައިންގެ އަމާޒުތަކަށް ހަމަލާ ދިނުމަށް ބޭނުންކުރާނެ ބަހަނާއެއް ދެއްކުމަށްޓަކައި އެމެރިކާ އާއި އިނގިރޭސި ވިލާތުން އަމިއްލަ އަށް ހަދައިގެން އާންމު ކުރި ފޮޓޯތަކެކެވެ.

ބައްޝާރު ވިދާޅުވި ގޮތުގައި އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް އެ ސަރަހައްދު މިނިވަން ކުރުމަށް ފަހު، ސަރުކާރު ސިފައިން ކުރި ތަހުގީގުތަކުން އެނގުނީ އެފަދަ ހަމަލާއެއް އެ ސަރަހައްދުގައި ދީފައި ނުވާ ކަމަށެވެ. އަދި އެފަދަ ހަމަލާއެއް ދީފައިވާ ނަމަ، އެކަމުގެ ސާބިތު ހެކި ދެއްކުމަށް ވެސް އޭނާ އިނގިރޭސި ވިލާތަށް ގޮވައިލެއްވި އެވެ.

ސީރިޔާގެ ހަނގުރާމަ އަށް އަށް އަހަރު ފުރެން ދާ އިރު، އެ ހަނގުރާމަ އަށް ސުލްހަވެރި ހައްލެއް ނުލިބިގެން އުޅެނީ، ބާރުގެ ބޭނުންކޮށްގެން އޭނާގެ ވެރިކަން ވައްޓައިލަން އެމެރިކާ އާއި އިނގިރޭސި ވިލާތް ބޭނުންވާތީ ކަމަށް ވެސް ބައްޝާރު ވިދާޅުވި އެވެ. ސީރިޔާގެ ދާޚިލީ ހަނގުރާމަ ފެށުނު ފަހުން ވެރިރަށް ދިމިޝްގު، ސީރިޔާ ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެނެވުނީ މިދިޔަ މަހުގެ ތެރޭގަ އެވެ.

އަދި މި ހަނގުރާމައިގައި އިދިކޮޅު ހަނގުރާމަވެރިންނަށް ހުޅަނގުގެ މަދަދާއި ވާގި ނުލިބޭ ނަމަ، އަހަރެއްހާ ދުވަހުގެ ތެރޭގައި ހަނގުރާމަ ނިމުމަކަށް ގެނެވޭނެ ކަމަށް ވެސް ބައްޝާރު ވިދާޅުވި އެވެ. ނަމަވެސް ސީރިޔާ ސަރުކާރު ސިފައިން ހަނގުރާމައިގައި ކުރިއެރުމެއް ހޯދާ އިރަށް، އިދިކޮޅު ހަނގުރާމަވެރިންނަށް ހުޅަނގުން އިތުރު އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.