ހައްޖުގައި ސިޔާސީ ކަންކަން ނުކުރަން ސުދޭސް ގޮވާލައްވައިފި

މައްކާ (އޮގަސްޓް 10) - ހައްޖުގެ އަޅުކަމުގެ ތެރޭގައި އެއްވެސް ބާވަތެއްގެ ސިޔާސީ ކަމެއް ނުހިންގުމަށް ސައުދީގެ ދެ ހަރަމްފުޅުގެ ކަންކަން ބަހައްޓާ އޮފީހުގެ ވެރިޔާ އަބްދުއްރަހްމާން ސުދައިސް ގޮވާލައްވައިފި އެވެ.


މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމަށް ދުނިޔޭގެ އެކި ހިސާބުތަކުން މައްކާ އާއި މަދީނާ އަށް މުސްލިމުން ޖަމާވަމުންދާ އިރު ސުދައިސް ވިދާޅުވީ "ހައްޖަކީ ސުލްހައިގެ މެސެޖެއް" ކަމަށެވެ. އަދި ހައްޖުގެ އަޅުކަމަށް އަންނަ އެންމެން ވެސް މަތިވެރި އަޅުކަން ސިޔާސީ ކަމަކަށް ވެދާނެ ހުރިހާ ކަމަކުން ދުރުހެލިވެ ތިބުމަށް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

"ހައްޖުގެ ހުރިހާ އަޅުކަމެއް ވެސް ސުލްހަވެރިކަމާ އެކު އަދާކުރެވޭތޯ ބަލަން ވާނެ. ސިޔާސީ އެއްވެސް ސްލޯގަނެއް އެކަމުގައި ހިމަނައިގެން ނުވާނެ. އެއީ އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކާ މުޅިން ޚިލާފު ކަމެއް،" ހައްޖުވެރިންނަށް އިޝާރާތް ކުރައްވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ވިދާޅުވި އެވެ.

ސުދައިސް ވިދާޅުވީ ޓެރަރިޒަމާއި ހައްދުފަހަނަޅައި ދިއުމަކީ އިސްލާމް ދީން ދެކޮޅު ހަދާ ކަންކަން ކަމަށެވެ. އެހެންވެ ހައްޖުވެރިން ވެސް އެކަކު އަނެކަކަށް ހެޔޮ ކަންކަން ކުރުމުގައި ހޭދަކުރުމަށް ސުދައިސް އިލްތިމާސް ކުރެއްވި އެވެ.