އަންކަރާ (އޮގަސްޓް 12) - ތުރުކީން ހައްޔަރުކޮށްފައިވާ އެމެރިކާގެ ފާދިރީއެއްގެ މައްސަލާގައި އެމެރިކާ އިން ކޮންމެ ފިޔަވަޅެއް އެޅި ނަމަވެސް ފަހަތަށް ނުޖެހޭނެ ކަމަށް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.
ތުރުކީގެ އިގްތިސާދަށް ހީނަރުކަން ގެނައުމުގެ ނިޔަތުގައި އެމެރިކާ އިން ވަނީ ތުރުކީގެ ސްޓީލް އާއި އެލްމިނިއަމް އިން ނަގާ ޑިއުޓީ މާދަމާ އިން ފެށިގެން ދެ ގުނަ ބޮޑު ކުރަން ނިންމައިފަ އެވެ. ނަތީޖާއެއްގެ ގޮތުން ތުރުކީގެ ފައިސާ ލީރާގެ އަގު ވަނީ 16 ޕަސެންޓް ވެއްޓިފަ އެވެ.
"ފާދިރީއެއްގެ މައްސަލާގައި ކުޑަކަކޫ މައްޗަށް ތުރުކީ ތިރިކުރަން އުޅުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް،" ކަޅު ކަނޑުގެ އައްސޭރީގައި އޮންނަ ޓައުނެއް ކަމަށްވާ އުންޔޭގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވި އެވެ.
ތުރުކީގެ ރައީސް ވިދާޅުވީ ބޭރު ފައިސާގެ އެކްސްޗޭންޖް ރޭޓް ބޭނުން ކުރަނީ ތުރުކީއާ ދެކޮޅު ހަނގުރާމައެއްގެ ގޮތުގައި ކަމަށެވެ.
"ކަލޭމެންނަށް ލިބިގެން ވަނީ ޑޮލަރު ކަމަށްވަންޏާ އަހަރެމެންނަށް ލިބިގެން ވަނީ މާތްﷲ،" ސަޕޯޓަރުންނާ މުޚާތަބް ކުރައްވާ އުރުދުޣާން ވިދާޅުވި އެވެ. "މިއީ ޑޮލަރާއި ޔޫރޯ އަދި ރަނާ ގުޅޭ މައްސަލައެއް ނޫން. މިއީ ވަޒަނާއި ބޮޑު ބަޑީގެ އުންޑަ އާއި މިސައިލުން ކުރާ އިގްތިސާދީ ހަނގުރާމައެއް."
އުރުދުޣާން ވިދާޅުވީ އެމެރިކާ އިން އަޅާ ފިޔަވަޅުތަކުން ސަލާމަތްވާނެ ގޮތްތައް އަންކަރާ އިން މިހާރު ވެސް ހޯދާފައިވާ ކަމަށެވެ.
"އެމެރިކާ އިން ވަނީ މުޅި ދުނިޔެއާ ދެކޮޅަށް އިގްތިސާދީ ހަނގުރާމައެއް ފަށާފައި. ތުރުކީއާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކުގެ އަގު އެމެރިކާ އިން ދައްކަން ޖެހޭނެ،" އުރުދުޣާން ވިދާޅުވި އެވެ.