ޖިއްދާ (އޮގަސްޓް 15) - ސިސްޓަމް ފެއިލިއާއެއް ދިމާވުމުގެ ސަބަބުން ދަތުރުތަކަށް ބުރޫ އަރާނެ ކަމަށް ސައުދީ އަރަބިއާގެ ގައުމީ އެއާލައިން، ސައުދިއާ އިން ބުނެފި އެވެ.
ސައުދީ އެއާލައިނުގެ ދަތުރުތަކަށް މައްސަލަ ދިމާވީ ހައްޖު މޫސުމުގައި އެކި ގައުމުތަކުން ޖިއްދާ އާއި މަދީނާ އަށް ހައްޖުވެރިން އުފުލަމުންދާ ދުވަސްވަރެއްގަ އެވެ.
"ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ދަތުރުތައް ވަރަށް ބޮޑަށް ޑިލޭވެގެން ދާނެކަން އެއާލައިނުގެ ކަސްޓަމަރުންގެ ސަމާލު ކަމަށް ދަންނަވަން،" ސައުދިއާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ސައުދީ އެއާލައިނުން ބުނީ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަމަށް މިލިއަނަކަށް ވުރެ ގިނަ މީހުން މިހާރު ތިބީ މައްކާ އާއި މަދީނާގަ އެވެ. މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ވެސް ދެ މިލިއަން މީހުން ބައިވެރިވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.