މުސްލިމުންނަށް ކުރި އަނިޔާއާ ގުޅިގެން ސޫކީ އިސްތިއުފާ ދެއްވަން ޖެހޭ

ޖެނީވާ (އޮގަސްޓް 30) - ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން މިދިޔަ އަހަރު ހިންގި އަނިޔާވެރި އަމަލުތަކާ ގުޅިގެން އެ ގައުމުގެ ސްޓޭޓް ކައުންސެލާ އަން ސަން ސޫކީ އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނާ ވިދާޅުވެއްޖެ އެވެ.


ޒައިދު ރާދު އަލް ހުސައިން ވިދާޅުވީ ރަކީންގައި ހިންގި ޖަރީމާތަކުން ރެކެން ސޫކީ މަސައްކަތް ކުރަން އުޅުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.

އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނާ މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގި ޖަރީމާތަކާ ގުޅިގެން މިއަންމާ ސިފައިންގެ އިސްވެރިންގެ މައްޗަށް ދައުވާ ކުރަން ޖެހޭ ކަމަށް އދ.ގެ ރިޕޯޓެއްގައި ބުނެފައި ވަނިކޮށެވެ. އދ.ގެ ފެކްޓް-ފައިންޑިން މިޝަނުގެ ރިޕޯޓުގައި ވެސް ވަނީ ހަމަނުޖެހުންތައް ހުއްޓުވުމަށް ސޫކީ މަސައްކަތް ކުރައްވާފައި ނުވާކަން ފާހަގަކޮށްފަ އެވެ.

"ސޫކީ ހުންނެވީ މައްސަލަ ހައްލު ކުރެވޭ ފަދަ މަގާމެއްގައި،" ޒައިދު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ފަހުކޮޅު ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން ހިންގި އޮޕަރޭޝަނުގައި އެ ސްޓޭޓް ދޫކޮށް އަވަށްޓެރި ބަންގްލަދޭޝް އަށް ވަނީ ހަތް ލައްކައެއްހާ މީހުން ހިޖުރަކޮށްފަ އެވެ.