ކޮލަމްބޯ (އޮގަސްޓް 30) - އެގާރަ ކުއްޖަކު ވަގަށް ނެގި މައްސަލާގައި ކުރެވޭ ތުހުމަތުތަކާ ގުޅިގެން ސްރީ ލަންކާ ސިފައިންގެ ވެރިޔާ ހައްޔަރު ކުރަން ކޮލަމްބޯ މެޖިސްޓްރޭޓް ކޯޓުން އިއްޔެ އަމުރު ނެރެފި އެވެ.
އެޑްމިރަލް ރަވިންދުރާ ވިޖެގުރަތުނަގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ކުދިން ވަގަށް ނެގުމުގައި އެންމެ އިސްކޮށް އުޅުނު މީހާ ފިލަން އެހީތެރިވެދީފައިވާތީ އެވެ. ލަންކާ ހަނގުރާމައިގެ ފަހު ދުވަސްވަރު 11 ކުދިން ވަގަށް ނެގި މައްސަލާގައި އެންމެ ބޮޑަށް ތުހުމަތުކޮށްފައި ވަނީ ކަނޑުގެ ސިފައިންގެ އިންޓަލިޖެންސް އޮފިސަރެއް ކަމަށްވާ ޗަންދަނާ ޕްރަސާދު ހެޓިއަރައްޗިގެ މައްޗަށެވެ. ވަގަށް ނެގި ކުދިން އަދިވެސް ފެނިފައެއް ނުވެ އެވެ. ލަފާ ކުރެވެނީ ކުދިން މަރާލާފައިވާ ކަމަށެވެ.
ހެޓިއަރައްޗި ހޯދަން ރެޑް ނޯޓިސް ނެރުމަށް ފަހު ފުލުހުން ކުރަމުން ދިޔަ މަސައްކަތުގައި މި މަހު ކުރީކޮޅު އޭނާ ވަނީ ކޮލަމްބޯ އިން ހައްޔަރުކޮށްފަ އެވެ.
"ހެޓިއަރައްޗި ފިލައިގެން އުޅުމުގައި އެޑްމިރަލް ވިޖެގުނަރަތުނަގެ ރޯލް އޮތްކަމުގެ ހެކި ވަނީ ލިބިފައި،" ސްރީ ލަންކާގެ ކްރިމިނަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓް (ސީއައިޑީ) އިން ކޯޓުގައި ބުންޏެވެ.
އެ ދުވަސްވަރު ކަނޑުގެ ސިފައިންގެ ތަރުޖަމާނުގެ މަގާމުގައި ހުރި ޑީ.ކޭ.ޕީ ޑިސަނައިކަގެ މައްޗަށް ވެސް ވަނީ ކުދިން ވަގަށް ނެގުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށްފަ އެވެ. އޭނާ ވަނީ މިދިޔަ އަހަރު ހައްޔަރުކޮށްފަ އެވެ. ފަހުން އޭނާ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ.