ރައްޔިތުން ނުކުތީ ގައުމުގެ ހަރު މުދާ ވިއްކުމާ ދެކޮޅަށް: ރާޖަޕަކްސާ

ކޮލަމްބޯ (ސެޕްޓެމްބަރު 6) - ސްރީ ލަންކާ ސަރުކާރާ ދެކޮޅަށް ގިނަ އަދަދެއްގެ ރައްޔިތުން ރޭ ނުކުތީ ގައުމުގެ ހަރުމުދާ ބޭރުގެ ފަރާތްތަކަށް ވިއްކުމާ ދެކޮޅު ހެދުމަށާއި އަވަސް އިންތިޚާބެއް ބޭއްވުމަށް ބާރު އެޅުމުގެ ގޮތުން ކަމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.


"ގައުމުގެ ހަރު މުދާތައް ވިއްކުމާ އަޅުގަނޑުމެން އެންމެން ވެސް ދެކޮޅު. އަޅުގަނޑުމެން މިދަނީ އަވަސް އިންތިޚާބެއް ބޭއްވުމަށް ސަރުކާރަށް ޕްރެޝަރު ކުރަމުން،" އިދިކޮޅު ބޮޑު އެއްވުން ލީޑް ކުރެއްވި ރާޖަޕަކްސާ ވިދާޅުވި އެވެ.

ޖެނުއަރީ 2015 ގައި ބޭއްވި އިންތިޚާބުން ނާކާމިޔާބުވި ނަމަވެސް ރާޖަޕަކްސާ ގެންދަވަނީ ސިޔާސީ ގޮތުން އަލުން ކާމިޔާބުތައް ހޯއްދަވަމުންނެވެ. ފެބްރުއަރީ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކޮށްފައި ވަނީ ރާޖަޕަކްސާ އަލަށް އުފެއްދެވި ސްރީ ލަންކާ ޕޮޑުޖުނާ ޕެރަމުނާ (އެސްއެލްޕީޕީ) އިންނެވެ.

ޖޮއިންޓް އޮޕަޒިޝަން (ޖޭއޯ) އިން އިއުލާންކުރި މުޒާހަރާ އަށް އިއްޔެ މެންދުރު ފަހުން ފެށިގެން ކޮލަމްބޯގެ މަގުތަކަށް ވަނީ މީހުން ޖަމާވާން ފަށައިފަ އެވެ. ފުލުހުން ބުނީ އެއްވުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 5،000 ފުލުހުން ނެރުނު ކަމަށެވެ.

"ގާތްގަނޑަކަށް 75،000 އާއި 80،000 އާ ދެމެދުގެ އަދަދެއްގެ މީހުން އެއްވުމުގައި ބައިވެރިވި ކަމަށް އަޅުގަނޑުމެންގެ އެސްޓިމޭޓްތަކުން ދައްކާ. އެއީ މިހާތަނަށް ބޭއްވި ރޭގަނޑުގެ އެންމެ ބޮޑު މުޒާހަރާ،" ފުލުހުންގެ ސީނިއާ އޮފިޝަލަކު އޭއެފްޕީ އަށް ވިދާޅުވި އެވެ.

މުޒާހަރާގެ ބައިވެރިންނާ ރާޖަޕަކްސާ މުޚާތަބު ކުރެއްވި އިރު ހުންނެވީ އުއްބައްތިއަކާއި ކަރާސީނު ތެލުގެ ބައްތިއެއް ހިއްޕަވައިގެންނެވެ.

އެސްއެލްޕީޕީ އިން ގެންދަނީ ރާޖަޕަކްސާގެ ވެރިކަމުގައި ހެދި 1.4 ބިލިއަން ޑޮލަރުގެ ހަމްބަންޓޯޓާ ބަނދަރު ޗައިނާ އަށް ދިނުމާ ދެކޮޅު ހަދަމުންނެވެ. ޗައިނާ ކުންފުންޏަކާ ބަނދަރު ހަވާލުކޮށްފައި ވަނީ 1.1 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ސަރުކާރުން ބުނީ ބަނދަރު ޗައިނާ އަށް 99 އަހަރަށް ހަވާލު ކުރަން ޖެހުނީ އެ ގައުމުން ނެގި ދަރަނި ދައްކަން ކުޅަދާނަނުވުމުގެ ސަބަބުން ކަމަށެވެ.

ލަންކާގެ އިދިކޮޅު ފަރާތްތަކުން ކޮލަމްބޯގައި ސަރުކާރާ ދެކޮޅަށް އިހްތިޖާޖް ކުރަނީ. --ފޮޓޯ:އޭއެފްޕީ

ލަންކާ ސަރުކާރުން މިހާރު ދަނީ ރާކަޕަކްސާގެ ވެރިކަމުގައި ހެދި އެއާޕޯޓް ވެސް ބޭރު ބަޔަކަށް ވިއްކާލަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ އެއާޕޯޓަށް އަދި އެއްވެސް ބަޔަކު ޝައުގުވެރިއެއް ނުވެ އެވެ.

އިދިކޮޅު އެއްވުމަށް ރައްދު ދެއްވާ ފައިނޭންސް އެންޑް މީޑިއާ މިނިސްޓަރު މަންގަލަ ސަމަރަވީރާ ވިދާޅުވީ އެއީ ރާޖަޕްސާ ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތައް ބަލާތީ ތަހުގީގު ޓީމުތަކާއި ކޯޓުތަކަށް ޕްރެޝަރު ކުރަން ބޭއްވި އިހްތިޖާޖެއް ކަމަށެވެ. ކުރީގެ ސަރުކާރުގެ މައްސަލަތައް ބަލަން މިހާރު ވަނީ ޚާއްސަ ކޯޓުތަކެއް އުފައްދައިފަ އެވެ.

"މިއީ އިންސާފަށް ހުރަސް އަޅަން ކުރާ ކަންތައް. މުޒާހަރާގައި އިސްކޮށް އުޅުނު އެންމެންނަކީ ކަފާލާތުގެ ދަށުން ކޯޓުތަކުން ދޫކޮށްފައި ތިބި މީހުން،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސަމަރަވީރާ ވިދާޅުވި އެވެ.