މަދޫރޯ ވެރިކަމުން ދުރުކުރަން އެމެރިކާ އިން ސިއްރު ބަޣާވާތެއް ރޭވި: ރިޕޯޓް

ކަރާކަސް (ސެޕްޓެމްބަރު 9) - ބަޣާވާތެއް ގެނެސް ވެނެޒުއެލާގެ ރައީސްކަމުގެ މަގާމުން ނިކޮލަސް މަދޫރޯ ދުރުކުރަން އެމެރިކާގެ އޮފިޝަލުން ވެނެޒުއެލާގެ އަސްކަރީ އޮފިސަރުންނާ ބައްދަލުކޮށްފައިވާ ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުނެފި އެވެ.


ވެނެޒުއެލާގެ ރައީސް އަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ ފަރާތްތަކުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިމެނެ އެވެ. އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނަކު ވިދާޅުވީ ވެނެޒުއެލާ އަށް ޑިމޮކްރެސީ ގެނައުމަށް އެމެރިކާ ކުރާ މަސައްކަތުގެ ސިޔާސަތު ބަދަލު ނުވާ ކަމަށެވެ.

ނިއު ޔޯކް ޓައިމްސް އިން ބުނެފައި ވަނީ ވެނެޒުއެލާ އަށް ބަޣާވާތެއް ގެނައުމާ ގުޅޭ ގޮތުން އެމެރިކާގެ އޮފިޝަލުން ބައްދަލުކޮށްފައި ވަނީ ވެނެޒުއެލާ ސިފައިންގެ ކުރީގެ ކޮމާންޑަރަކާ ކަމަށެވެ. ނަމަވެސް އެ ބަޣާވާތް ފަހުން ވަނީ ހުއްޓާލާފައި ކަމަށް ވެސް ބުނެފައިވެ އެވެ.

ވެނެޒުއެލާގެ ޚާރިޖީ ވަޒީރު ޖޯޖް އަރެއަޒާ ވިދާޅުވެފައި ވަނީ ވެނެޒުއެލާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަށް އެމެރިކާ އިން މަސައްކަތް ކުރާ ކަމަށާ އަދި ސަރުކާރާ ދެކޮޅަށް އަސްކަރީ ބަޣާވާތެއް ގެނައުމަށް އެހީވެފައިވާ ކަމަށެވެ.

މިދިޔަ މަހު 4 ވަނަ ދުވަހު މަދޫރޯ ތަގްރީރެއް ދެއްވަން ހުންނަވަނިކޮށް ވަނީ ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯނެއް ގޮއްވާލައިފަ އެވެ. މަދޫރޯ ތުހުމަތުކޮށްފައި ވަނީ އެއީ ކޮލަމްބިއާ އާއި އެމެރިކާގެ ރޭވުމެއް ކަމަށެވެ. އެކަމަކު އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ބޯލްޓަން ވިދާޅުވެފައި ވަނީ މަދޫރޯ އަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާގައި އެމެރިކާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.

ވެނެޒުއެލާ އަށް އަރައިގަތުމާ ގުޅޭ ގޮތުން އެމެރިކާގެ އޮފިޝަލުންނާ ޓްރަމްޕް މަޝްވަރާ ކުރެއްވި ކަމަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ.