ހެލިކޮޕްޓަރުގައި އޮފީހަށް ވަޑައިގަންނަވާތީ އިމްރާނަށް ފާޑުކިޔުން

އިސްލާމްއާބާދު (ސެޕްޓެމްބަރު 19) - ކޮރަޕްޝަން ހުއްޓުވުމުގެ ވައުދާ އެކު ޕާކިސްތާނުގެ ބޮޑު ވަޒީރުކަމުގެ މަގާމަށް ވަޑައިގެންނެވި އިމްރާން ޚާން ޓްރެފިކްގައި ނުޖެހެން، ހެލިކޮޕްޓަރުގައި އޮފީހަށް ވަޑައިގަންނަވާތީ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.


ޚާން ވިދާޅުވެފައި ވަނީ ބޮޑު ވަޒީރުގެ މޮޓޯކޭޑުގެ ޚަރަދުތައް ކުޑަކުރައްވާނެ ކަމަށެވެ. އަދި ބޮޑު ވަޒީރު ބޭނުން ކުރެއްވި ގިނަ އަދަދެއްގެ ވެހިކަލް ނީލަން ކިޔާނެ ކަމަށް ވިދާޅުވި އެވެ. މި ގޮތުން މިދިޔަ ހޯމަ ދުވަހު ވަނީ ބޮޑު ވަޒީރުގެ އޮފީހުގެ 100 އަށް ވުރެ ގިނަ ވެހިކަލް ނީލަން ކިޔައިފަ އެވެ. އެ ވެހިކަލްތައް ވިއްކައިގެން ބަޖެޓަށް 200 މިލިއަން ރުޕީސް (1.6 މިލިއަން ޑޮލަރު) ލިބުނު ކަމަށް ސަރުކާރުގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.

ޚަރަދު ކުޑަކުރުމުގެ ގޮތުން އިމްރާން ވަނީ ބޮޑު ވަޒީރުގެ ރަސްމީ ގޭގައި ނޫޅުއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

އެކަމަކު ޚަރަދު ކުރައްވާނެ ކަމަށް އިމްރާން ވިދާޅުވި ނަމަވެސް އަމަލީ ގޮތުން އެކަން ނުފެންނަ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ. މީގެ ހެއްކެއްގެ ގޮތުން އެ ފަރާތްތަކުން ފާހަގަ ކުރަނީ ނުވަ މޭލުގެ ދަތުރަކަށް ކޮންމެ ދުވަހަކު ހެލިކޮޕްޓަރުގައި އޮފީހަށް ވަޑައިގަތުމެވެ.

އިންފޮމޭޝަން މިނިސްޓަރު ފަވާދު ޗައުދަރީ ވިދާޅުވީ މޮޓޯކޭޓުގައި ވަޑައިގަތުމުގެ ބަދަލުގައި ހެލިކޮޕްޓަރުގައި އޮފީހަށް ވަޑައިގަތުމުން ތެލުގެ ޚަރަދު ކުޑަ ކަމަށެވެ. އޭނާ ވިދާޅުވީ ހެލިކޮޕްޓަރުގެ ދަތުރަށް ކިލޯ މީޓަރަކަށް ޚަރަދު ވަނީ 50 ރުޕީސް (40 ސެންޓް) ކަމަށެވެ.

އިންފޮމޭޝަން މިނިސްޓަރު އެހެން ވިދާޅުވުމުން ގިނަ ބަޔަކު ވަނީ ޖޯކް ޖަހަން ފަށައިފަ އެވެ. އެއްބަޔަކު ބުނެފައި ވަނީ މެޓްރޯ ބަސް ހުއްޓާލުމަށް ފަހު ހެލިކޮޕްޓަރުގައި ދަތުރު ކުރުން މާ ރަނގަޅުވާނެ ކަމަށެވެ.

ޕާކިސްތާނުގެ ބޮޑު ވަޒީރުގެ ހެލިކޮޕްޓަރުގެ ދަތުރަށް ހަގީގަތުގައި ގަޑިއަކު 200،000 ރުޕީސް (1،633 ޑޮލަރު) ހޭދަވާ ކަމަށް ސޮސައިޓީ އޮފް އެއާ ސޭފްޓީ އިންވެސްޓިގޭޝަން ޕާކިސްތާނުގެ ރައީސް ސައިދު އަހުމަދު ވިދާޅުވި އެވެ.