ލަންކާ އިން ގިނަ އަދަދެއްގެ ޑޮލަރު ބޭރު ކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ކޮލަމްބޯ (ސެޕްޓެމްބަރު 29) - ސްރީ ލަންކާ އިން ގިނަ އަދަދެއްގެ ބޭރު ފައިސާ ބޭރު ކުރަން އުޅުނު އެ ގައުމުގެ ދެ މީހަކު ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.


އެއާޕޯޓް ކަސްޓަމްސް އިން ބުނީ ދެ މީހުން ލަންކާ އިން ބޭރު ކުރަން އުޅުނީ 21،242 ޑޮލަރު (3.6 މިލިއަން ރުޕީސް) ކަމަށެވެ. އެ ދެ މީހުން ފައިސާ ގެންދަން އުޅުނީ ސިންގަޕޫރަށް ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

ހައްޔަރުކޮށްފައި ވަނީ އުމުރުން 31 އަހަރާއި 35 އަހަރުގެ ދެ މީހުން ކަމަށްވެ އެވެ. އެ ދެ މީހުންނަކީ ވެސް ވިޔަފާރި ކުރާ މީހުން ކަމަށާއި އެ މީހުން ބޭރު ގައުމުތަކަށް ދަތުރުކޮށްފަ އަންނަ އިރު ގިނަ އަދަދެއްގެ މުދާ ވައިގެ މަގުން ގެންނަ ކަމަށް ވެސް ކަސްޓަމްސް އިން ބުނެފައިވެ އެވެ.

ލަންކާ ކަސްޓަމްސް އިން ބުނީ ދެ ޕަސިންޖަރެއްގެ އަތުން ހިފެހެއްޓި ޑޮލަރު ހުރީ އެ ފަރާތުގެ ބެލުމުގެ ދަށުގައި ކަމަށެވެ.