މިއަންމާގެ ދެ ނޫސްވެރިން ދޫކޮށްލަން ސޫކީ އަށް އަމާލް ކްލޫނީ ގޮވާލައްވައިފި

ނިއު ޔޯކް (ސެޕްޓެމްބަރު 29) - މިއަންމާ އިން ޖަލުގައި ބަންދުކޮށްފައިވާ ރޮއިޓާސްގެ ދެ ނޫސްވެރިން ދޫކޮށްލުމަށް އެ ގައުމުގެ ސްޓޭޓް ކައުންސެލާ އަން ސަން ސޫކީ އަށް މަޝްހޫރު ގާނޫނީ ވަކީލް އަމާލް ކްލޫނީ ގޮވާލައްވައިފި އެވެ.


ދެ ނޫސްވެރިން ޖަލަށްލީ ދައުލަތުގެ ސިއްރުތަކެއް ބޭޒާރު ކުރި ކަމަށް ބުނެ އެވެ. އެކަމަކު ދެ ނޫސްވެރިން ކުށްވެރިކޮށްފައި ވަނީ ރަކީން ސްޓޭޓްގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން ދިން އަނިޔާތައް ރިޕޯޓް ކުރުމުންނެވެ.

އަމާލް ކްލޫނީ ވިދާޅުވީ ދެ ނޫސްވެރިންނަށް މައާފް ދިނުމަށް އެ މީހުންގެ އާއިލާތަކުން މިއަންމާ ސަރުކާރަށް ސިޓީ ވެސް ފޮނުވާފައިވާ ކަމަށެވެ. އަދި އެއީ މިއަންމާގެ ރައީސްއާ މަޝްވަރާ ކުރުމަށް ފަހު ސޫކީ އަށް ކުރެވިދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

އިންސާނީ ހައްގުތަކާ ބެހޭ ގާނޫނީ ވަކީލް އަމާލް ކްލޫނީ (މ) އދ.ގެ އިވެންޓެއްގައި ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

"އެއީ މިއަންމާ ސަރުކާރުން ބޭނުންވެއްޖެ ނަމަ މިއަދު ވެސް ކުރެވިދާނެ ކަމެއް،"އދ.ގެ ޖެނެރަލް އެސެމްބްލީގެ ތެރޭގައި ބޭއްވި ނޫސްވެރިކަމުގެ މިނިވަންކަމާ ބެހޭ އިވެންޓެއްގައި ވާހަކަ ދައްކަވަމުން އިންސާނީ ހައްގުތަކަށް ވަކާލާތު ކުރައްވާ ގާނޫނީ ވަކީލް ވިދާޅުވި އެވެ.

އަމާލް ކްލޫނީ ވިދާޅުވީ އެއް ފަހަރާ އެތައް ބަޔަކު މެރުން އެއީ ދައުލަތުގެ ސިއްރެއް ނޫން ކަމަށާއި އެ ވާހަކަތައް ރިޕޯޓް ކުރުމުން ނޫސްވެރިންނަކީ ޖާސޫސް ކުރާ މީހުންނަށް ނުވާނެ ކަމަށެވެ.

އުމުރުން 32 އަހަރުގެ ވަ ލޯން އާއި 28 އަހަރުގެ ސޮއެ އޫ ޖަލަށްލުން ދިފާއުކޮށް މި މަހު ކުރީކޮޅު ސޫކީ ވަނީ ވާހަކަ ދައްކަވައިފަ އެވެ.

ކްލޫނީ ވިދާޅުވީ އޮކްސްފޯޑްގެ ސެއިންޓް ހިއުސް ކޮލެޖުން އޭނާ ކިޔެވި އިރު ހަމަ އެ ކޮލެޖުން ކިޔަވާ ވިދާޅުވި ސޫކީ އަކީ ބަތަލާއެއް ކަމަށް އޭނާ ގަބޫލްކުރި ކަމަށެވެ.

އިންސާނީ ހައްގުތަކާ ބެހޭ ގާނޫނީ ވަކީލް އަމާލް ކްލޫނީ (ވ) އދ.ގެ އިވެންޓެއްގައި ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

"ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި މިއަންމާގެ ޖަލަށްލުމުން ކުރެވޭ އިހްސާސް އަން ސަން ސޫކީ އަށް ވުރެ ބޮޑަށް އެނގޭނެ މީހަކު ނުހުންނާނެ. ދެ ނޫސްވެރިން މިހާރު އެ ނިދާ ޖަލުގެ ކުޑަ ގޮޅީގައި ސޫކީ ވެސް ވަނީ ނިދިކުރައްވާފައި،" ރޮއިޓާސްގެ ދެ ނޫސްވެރިންގެ ވަކީލުންގެ ޓީމުގައި ހިމެނޭ އިނގިރޭސި ވިލާތުގެ ވަކީލް ވިދާޅުވި އެވެ.

ޑިމޮކްރެސީގެ ޗެމްޕިއަނެއްގެ ގޮތުގައި އެއް ދުވަސްވަރެއްގައި ގިނަ ބަޔަކު ތައުރީފް ކުރި ނަމަވެސް ރޮހިންޖާ މުސްލިމުންނާ މެދު އަމަލު ކުރި ގޮތުން ސޫކީ އަށް ދަނީ މުޅި ދުނިޔޭގެ ނަފްރަތު އަމާޒުވަމުންނެވެ. ނޯބެލް ސުލްހައިގެ އިނާމު 1991 ވަނަ ހޯދާފައިވާ ސޫކީ އަށް ބައެއް ގައުމުތަކުން ދީފައިވާ ރަމްޒީ ޝަރަފްތައް ވެސް މިހާރު ދަނީ އަތުލަމުންނެވެ.