އަރަބި ކަނޑުގައި ތޫފާނެއް އުފެދޭތީ އިންޑިއާ، ލަންކާ ސަމާލުވެގެން

ޓަމިލް ނާޑޫ (އޮކްޓޯބަރު 8) - އަރަބި ކަނޑުގައި އުފެދިފައިވާ ޑީޕް ޑިޕްރެޝަނެއް ތޫފާނަކަށް ބަދަލުވާތީ އިންޑިއާ އާއި ލަންކާ އިން ސަމާލުވެއްޖެ އެވެ.


އިންޑިއާގެ މިޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ތޫފާނުގެ ބާރުގަދަވާނެތީ ޓަމިލް ނާޑޫ، ކެރަލާ، ޕުޑެޗެރީ އަދި ލަކްޝަޑީޕަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އިންޑިއާގެ ކޯސްޓް ގާޑުން ބުނީ ޑޯނިއާ މަތިންދާ ބޯޓުތައް ތައްޔާރީ ހާލަތަކަށް ގެނެސް، ކެރަލާ އާއި ލަކްޝަޑީޕް އަދި މިނިކޮއީ އާއި ޓަމިލް ނާޑޫ އަށް މަނަވަރުތައް ފޮނުވާފައިވާ ކަމަށެވެ.

"ތޫފާނަށް ތައްޔާރީ ހާލަތުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން ކޮޗީ އާއި ލަކްޝަޑީޕްގައި ވަނީ ބައްދަލުވުންތައް ބާއްވާފައި،" އިންޑިއާގެ ކޯސްޓް ގާޑުން ބުނެފައިވެ އެވެ. "ކަނޑުތައް އާދަޔާޚިލާފަށް ގަދަވާނެތީ މަސްވެރިން މަހަށް ނުނިކުތުމަށް ވާނީ އިލްތިމާސްކޮށްފައި."

ކޮލަމްބޯ އަށް މިއަދު ބޯކޮށް ވާރޭ ވެހެމުންދާ އިރު ބައެއް މީހުން ކުޑަ ނަގައިގެން ދަނީ. --ފޮޓޯ:އޭއެފްޕީ

ބޭ އޮފް ބެންގާލްގައި ވެސް ލޯ ޕްރެޝާ އޭރިއާއެއް އުފެދެމުންދާތީ އޮޑިއްސާގެ އައްސޭރި ފަށުގައި އުޅޭ މީހުން ސަމާލުވުމަށް ވަނީ އަންގައިފަ އެވެ.

ލަންކާގެ މީޓިއޮރޮލޮޖީ ޑިޕާޓްމަންޓުން ވެސް މިއަދު ވަނީ އަރަބި ކަނޑުގެ އިރު ދެކުނުގައި ތޫފާނެއް އުފެދޭތީ މަސްވެރިން މަހަށް ނުކުތުމުގައި ސަމާލުވުމަށް އަންގައިފައިވާ ކަމަށެވެ. ތޫފާނުގައި މަންނާރު އިން ފެށިގެން ހަމްބަންޓޯ، ޕުއްތަލަމް، ކޮލަމްބޯ، ގޯލް އަދި މާތަރަ އަށް 70-80 ކިލޯ މީޓަރުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ލަންކާ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް ވަނީ އަށް މީހުން މަރުވެ 11 މީހުން ގެއްލިފަ އެވެ. އަދި 21،105 މީހުން ހާލުގައި ޖެހިފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެފައިވެ އެވެ.