ޗައިނާ އިން ޚަރަދުކުރާ އެއާޕޯޓް ސިއަރަ ލިއޯ އިން ހުއްޓާލައިފި

ފްރީޓައުން (އޮކްޓޯބަރު 11) - ސިއަރަ ލިއޯންގެ ވެރިރަށް ފްރީޓައުން ބޭރުގައި ޗައިނާ އިން ފަންޑްކޮށްގެން ހަދާ 400 މިލިއަން ޑޮލަރުގެ އެއާޕޯޓް މަޝްރޫއު ކެންސަލްކޮށްފި އެވެ.


އެއާޕޯޓް ލޯން އެއްބަސްވުމުގައި ސޮއި ކުރެއްވީ ސިއަރަ ލިއޯންގެ ކުރީގެ ރައީސް އާނެސްޓް ކޮރޮމާ އެވެ. އެކަމަކު މާޗް މަހު ބޭއްވި އިންތިޚާބުން އޭނާ އަށް ވަނީ ނާކާމިޔާބުވެފަ އެވެ. އެ ދުވަސްވަރު ވޯލްޑް ބޭންކާއި އައިއެމްއެފް އިން ބުނެފައި ވަނީ އެ ޕްރޮޖެކްޓަކީ ސިއަރަ ލިއޯން އަށް ކުރިމަތިވާނެ ބޮޑު ދަރަންޏެއް ކަމަށެވެ.

މި ޕްރޮޖެކްޓް ހުއްޓާލީ ޗައިނާގެ ލޯނުތަކަށް އެފްރިކާގެ ގިނަ ގައުމުތައް ދަރާފައިވާ ދުވަސްވަރެއްގަ އެވެ.

އޭވިއޭޝަން މިނިސްޓަރު ކަބިނާހް ކަލޮން ވިދާޅުވީ ޗައިނާގެ އެހީގައި ހަދާ އެއާޕޯޓް އެހާ މުހިންމު ނޫން ކަމަށާއި އެ ގައުމުގައި މިހާރު އޮތް ބައިނަލްއަގުވާމީ އެއާޕޯޓް ފުދޭ ކަމަށެވެ. ޗައިނާ އިން ހަދާ އެއާޕޯޓް ނިންމަން ޝެޑިއުލްކޮށްފައި ވަނީ 2022 ވަނަ އަހަރު އެވެ.

އޭނާ ވިދާޅުވީ މިހާރުގެ ރައީސް ޖޫލިއަސް މާޑާ ބަޔޯ ދެކެވަޑައިގަންނަވާ ގޮތުގައި އާ އެއާޕޯޓަކަށް ވުރެ މުހިންމީ ވެރިރަށް ފްރީޓައުން އިން ލުންގީ އެއާޕޯޓަށް ދާން ބްރިޖެއް އެޅުން ކަމަށެވެ. ސިއަރަ ލިއޯންގެ ހަމައެކަނި އެއާޕޯޓް ކަމަށްވާ ލުންގީ އަށް މިހާރު ދާންޖެހެނީ ބޯޓުގައި ނޫނީ ހެލިކޮޕްޓަރުގަ އެވެ.

ސިއަރަ ލިއޯން އަށް ކަނޑައަޅާފައި ހުންނަ ޗައިނާގެ ސަފީރު ވޫ ޕެންގް ވިދާޅުވީ އެއާޕޯޓް މަޝްރޫއު ކެންސަލް ކުރި ނަމަވެސް ދެ ގައުމުގެ ގުޅުމަށް އަސަރެއް ނުކުރާނެ ކަމަށެވެ.

އިންފްރާސްޓްރަކްޗާ ބޮޑެތި މަޝްރޫއުތަކަށް ޗައިނާ އިން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ފަހު ގައުމުތައް ދަރަނީގެ ދަންތުރައެއްގައި ޖައްސާ ކަމަށް ޗައިނާ އަށް ދަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް ގައުމުތައް ދަރަނީގައި ޖައްސާކަމަށް ދައްކާ ވާހަކަތައް ޗައިނާ އިން ދޮގު ކުރެ އެވެ.