ރިޔާޒް (އޮކްޓޯބަރު 20) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރުވީ ކޮންސިއުލޭޓް ތެރޭ ހިންގި ތަޅާފޮޅުމަކަށް ފަހު ކަމަށް ސައުދީ އަރަބިއާ އިން މިއަދު ބުނެފި އެވެ.
މިއީ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް މި މަހު 2 ވަނަ ދުވަހު ވަން ފަހުން ގެއްލިފައިވާ ނޫސްވެރިޔާ މަރުވެފައިވާ ކަމަށް ސައުދީން އެއްބަސްވި ފުރަތަމަ ފަހަރެވެ.
ސައުދީ އަރަބިއާގެ ރަސްމީ ޓީވީން ބުނީ ނޫސްވެރިޔާގެ މަރުގެ މައްސަލާގައި އިންޓެލިޖެންސްގެ ނައިބް އަހުމަދު އަލް އާސިރީ އާއި ރޯޔަލް ކޯޓުގެ އެޑްވައިޒަރު އަދި ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އަރިސް ބޭފުޅެއް ކަމަށްވާ ސައުދު އަލް ގަހުތާނީ ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށެވެ.
ސައުދީ ރަސްގެފާން ސަލްމާން މިހާރު ވަނީ އިންޓެލިޖެންސް ޚިދުމަތް އަލުން ތަރުތީބު ކުރުމަށް މިނިސްޓަރުންގެ ފެންވަރުގެ ކޮމިޓީއެއް އުފައްދަވައިފަ އެވެ. އެ ކޮމިޓީގެ އިސް ބޭފުޅަކަށް ހަމަޖައްސާފައި ވަނީ ވަލީ އަހުދު މުހައްމަދު އެވެ.
ސައުދީ އަރަބިއާގެ އެޓާނީ ޖެނެރަލް ޝެއިޚް ސައުދު އަލް މުޖީބު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ނޫސްވެރިޔާއާ ކޮންސިއުލޭޓުން ފުރަތަމަ ދިމާވި މީހުންނާ ދެމެދު ވަރުގަދަ ޒުވާބެއް ހިނގައި އެންމެ ފަހުން ތަޅާފޮޅުމަކަށް ބަދަލުވެ އެކަމުގެ ތެރޭގައި ނޫސްވެރިޔާ މަރުވީ ކަމަށެވެ.
"އޭނާގެ ފުރާނަ އަށް މާތްﷲ ރަހުމަތް ލައްވާށި،" އެޓާނީ ޖެނެރަލްގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
ނޫސްވެރިޔާގެ މަރުގެ މައްސަލާގައި، އެޓާނީ ޖެނެރަލް އޮފީހުން ބުނި ގޮތުގައި، 18 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެކަމުގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށް ވަނީ ބުނެފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ކަންތައް ވެގެން އެދިޔައީ "ގަބޫލް ކުރެވޭނެ ގޮތަކަށް ނޫން" ކަމަށެވެ. ނަމަވެސް ސައުދީ އަރަބިއާ އަކީ އެމެރިކާގެ ވަރަށް ގާތް ގައުމެއް ކަމަށް ވިދާޅުވި އެވެ.
ވަށް މޭޒު އިވެންޓެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ނޫސްވެރިޔާގެ މަރުގެ މައްސަލާގައި ޒިންމާވާ މީހުން ހައްޔަރު ކުރުމަކީ މުހިންމު ފުރަތަމަ ފިޔަވަޅު ކަމަށެވެ. އެ މައްސަލާގައި ސައުދީން އަވަހަށް އަމަލުކޮށްފައިވާތީ ޓްރަމްޕް ވަނީ ތައުރީފް ކުރައްވައިފަ އެވެ. އެކަމަކު ސައުދީއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާނެތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ އަޅާނެ ފިޔަވަޅަކާ މެދު ވިސްނުން އަދި މާއަވަސް ކަމަށާއި އެފަދަ ކަމެއް ކޮށްފި ނަމަ އެެމެރިކާގެ އިގްތިސާދަށް ވެސް ގެއްލުންވާނެ ކަމަށެވެ.