ބްރިޖް ހުޅުވި ދުވަހު އާއްމުންގެ ފަރާތުން ފިނި ތަރުހީބެއް

ޒުހާއީ (އޮކްޓޯބަރު 24) - ކަނޑު ހުރަސްކޮށް ހެދި ދުނިޔޭގެ އެންމެ ދިގު ބްރިޖް ޗައިނާ އިން އާއްމުންނަށް މިއަދު ހުޅުވާލި އިރު ލިބިފައި ވަނީ ފިނި ތަރުހީބެއް ކަމަށް އޮފިޝަލުން ބުނެފި އެވެ.


ޒުހާއި-މަކާއޫ-ހޮން ކޮން ބްރިޖް ރަސްމީކޮށް ހުޅުވީ އިއްޔެ އެވެ. ދިގު މިނުގައި 55 ކިލޯ މީޓަރު (34 މޭލު) ހުންނަ ބްރިޖް ހަދަން ވަނީ 20 ބިލިއަން ޑޮލަރު ޚަރަދުކޮށްފަ އެވެ. މެއިން ބްރިޖުގެ އަގަކީ ގާތްގަނޑަކަށް 6.92 ބިލިއަން ޑޮލަރެވެ. ޗައިނާގެ އޮފިޝަލުން ލަފާ ކުރަނީ ޓޮލް ފީގެ ގޮތުގައި އަހަރަކު 86 މިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ.

ޗައިނާގައި އަލަށް ހެދި ބްރިޖް އާއްމުންނަށް ހުޅުވާލި ދުވަހު ދަތުރު ކޮށްފައި ވަނީ ޝަޓްލް ބަސް އެކަނި. --ފޮޓޯ:ގެޓީ އިމޭޖަސް

"މިފަދަ ބޮޑެތި އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތަކުގެ ފުރަތަމަ ކޮޅު ޕަސިންޖަރުންނާއި ޓްރެފިކް ފްލޯ ދަށްވާނެ. ދުވަސްކޮޅެއް ވާނެ އަދި ހަމައަކަށް އެޅެން،" ޗައިނާގެ ޓްރާންސްޕޯޓް ސެކްރެޓަރީ ފްރޭންކް ޗަން ވިދާޅުވި އެވެ.

އާއްމުންނަށް މިއަދު ބްރިޖް ހުޅުވާލިއިރު ކާރާއި ލޮރީ އެއްގޮތަކަށް ވެސް ދަތުރު ނުކުރާ ކަމަށްވެ އެވެ. ނަމަވެސް ޝަޓްލް ބަހުގެ ޚިދުމަތް ވަނީ ދީފަ އެވެ. އަދި ހޮން ކޮން ޓާމިލްގައި ދިގު ބަސް ކިޔޫއެއް އޮތް ކަމަށްވެ އެވެ.

ޗައިނާގައި އަލަށް ހެދި ބްރިޖް އާއްމުންނަށް ހުޅުވާލި ދުވަހު ދަތުރު ކުރި މީހުން މަދު. --ފޮޓޯ:ގެޓީ އިމޭޖަސް

ޗައިނާގެ އޮފިޝަލުން ލަފާކޮށްފައި ވަނީ ބްރިޖުން ދުވާލަކު 9،200 ވެހިކަލް ދަތުރު ކުރާނެ ކަމަށެވެ. ނަމަވެސް މިހާރު ބެލެވެނީ އެ އަދަދު މަދުވާނެ ކަމަށެވެ. ސަބަބަކީ ބްރިޖުން ދަތުރު ކުރެވެނީ ޚާއްސަ ހުއްދަ އޮންނަ ފަރާތްތަކަކަށްވާތީ އެވެ. ހޮން ކޮންގުން އެ ހުއްދަ ދޫކުރަން ނިންމާފައި ވަނީ 10،000 ފަރާތަށެވެ. ހުއްދައިގެ މުއްދަތަކީ ފަސް އަހަރެވެ. ޗައިނާ އިން ހުއްދަ ދޭން ނިންމާފައި ވަނީ ސިޔާސީ ނުވަތަ މާލީ ގޮތުން ބޮޑެތި ޚިދުމަތް ކޮށްދީފައިވާ ފަރާތްތަކަށެވެ.

ބްރިޖް ހަދާފައި ވަނީ ބިންހެލުންތަކާއި ތޫފާންތަކުން ގެއްލުން ނުވާނެ ފެންވަރަށް ކަމަށް އޮފިޝަލުން ބުނެ އެވެ. ބްރިޖް ހަދަން ވަނީ 400،000 ޓަނުގެ ދަގަނޑު ބޭނުންކޮށްފަ އެވެ. މިއީ ފްރާންސްގެ ޕެރިހުގެ އައިފެލް ޓަވަރު ވަރުގެ 60 ޓަވަރު ހަދަން ބޭނުންވާނެ ދަގަނޑެވެ. ބްރިޖާ އެކު ހަތަރު ޓަނަލް އާއި އަލަށް އުފެއްދި ހަތަރު ރަށް ވެސް ވަނީ ގުޅުވާލައިފަ އެވެ. ބްރިޖްގެ 30 ކިލޯ މީޓަރަކީ ކަނޑުގެ ސަރަހައްދެވެ. މީގެ ކުރިން ޒުހައި އާއި ހޮން ކޮންގާ ދެމެދު ދަތުރު ކުރަން ހަތަރު ގަޑިއިރު ނަގަ އެވެ. ނަމަވެސް މި ބްރިޖާ އެކު އެ ވަގުތު ވަނީ ބައިގަޑިއިރަށް ކުޑަކުރެވިފަ އެވެ.