"އުފާވެރި ނޫން ކައިވެންޏެއް" މި ވަނީ ނިމުމަކަށް ގެނެސްފައި: ސިރިސޭނާ

ކޮލަމްބޯ (އޮކްޓޯބަރު 28) - އުޅެމުން މިދަނީ "ފުރިހަމަ ކައިވެންޏެއްގައި" ނޫންކަން، ކޯލިޝަން ސަރުކާރު ވެރިކަމަށް އައިތާ އެއް އަހަރު ތެރޭ އެނގިވަޑައިގެންފި ކަމަށް ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.


ސިރިސޭނާ އެ އިޝާރާތް ކުރައްވާފައި ވަނީ މަގާމުން ދުރުކުރި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހައާ އެކު އުފެއްދެވި ފުޅާ ކޯލިޝަނަށެވެ. ސިރިސޭނާ ހުކުރު ދުވަހުގެ ރޭ ވަނީ ރަނިލް މަގާމުން ދުރުކޮށް ބޮޑު ވަޒީރު ކަމަށް ކުރީގެ ބާރުގަދަ ރައީސް މަހިންދާ ރާޖަޕަކްސާ އައްޔަން ކުރައްވައިފަ އެވެ.

ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ)ގެ ޕާލަމެންޓަރީ ގްރޫޕާ ބައްދަލު ކުރައްވައި ސިރިސޭނާ ވިދާޅުވީ ކޯލިޝަން ސަރުކާރަށް އަހަރެއްވީ އިރު ރަނިލްއާ އެކު ނޫޅުއްވޭނެކަން އެނގިވަޑައިގެންނެވި ކަމަށެވެ. އެ ބައްދަލުވުމުގައި ރާޖަޕަކްސާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

"ހަމައެކަނި ސަގާފީ ތަފާތުތަކެއް ނޫން. ރަނިލްއާ އެކު ސަރުކާރެއް އުފެއްދުމަކީ ފުރިހަމަ ނޫން ކައިވެންޏެއްގައި އުޅުން ކަހަލަ ކަމެއް،" ސިރިސޭނާ ވިދާޅުވި އެވެ.

ސިރިސޭނާ ވިދާޅުވީ ކޯލިޝަން ސަރުކާރު ރޫޅާލަން ޖެހުނު ސަބަބު ސާފުކޮށް ދިނުމަށް ގައުމާ މުޚާތަބް ކުރައްވާނެ ކަމަށެވެ. އަދި އާ ކެބިނެޓް މާދަމާ ހުވާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.