އެމްއެޗް370: އެންމެ ފަހުން ފެނުނު ބައިތައް ތަހުގީގު ކުރަނީ

ވީނުވީއެއް ނޭނގި ގެއްލިފައިވާ މެލޭޝިޔާ އެއާލައިންސް، އެމްއެޗް370 މަތިންދާބޯޓުގެ ބައިތަކެއް ކަމުގައި ޝައްކުކުރެވޭ ބައިތައް އިތުރަށް ތަހުގީގު ކުރަން ނިންމާފައިވާ ކަމަށް އޮސްޓްރޭލިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.


އެންމެ ފަހުން ފެނުނު ތިން ބައިގެ ތެރެއިން ދެ ބައި މޮރިޝަސް އިން ފެނިފައިވާ އިރު އަނެއް ބައި ފެނިފައިވަނީ މޮޒަމްބިކުންނެވެ.

"މެލޭޝިޔާ ސަރުކާރުން އަދި އެ ތަކެއްޗާއި ހަވާލެއް ނުވޭ. އެކަމަކު އެކަން ކުރުމަށް މިހާރު ދަނީ ތައްޔާރުވަމުން،" އޮސްޓްރޭލިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ޑެރެން ޗެސްޓާއާ ހަވާލާދީ ބީބީސީގައި ބުނެފައިވެ އެވެ.

މެލޭޝިޔާގެ ވެރިރަށް ކުއަލަ ލަމްޕޫރުން ފުރައިގެން ޗައިނާގެ ބެއިޖިން އަށް 239 ފަސިންޖަރުންނާ އެކު ދަތުރުކުރި މެލޭޝިޔަން އެއާލައިންސްގެ މަތިންދާ ބޯޓު ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ މާޗް މަހު އެވެ.

"މެލޭޝިޔާ ސަރުކާރުން އަދި އެ ތަކެއްޗާއި ހަވާލެއް ނުވޭ. އެކަމަކު އެކަން ކުރުމަށް މިހާރު ދަނީ ތައްޔާރުވަމުން،" އޮސްޓްރޭލިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ޑެރެން ޗެސްޓާ

އިންޑިއާ ކަނޑުގެ ސަރަހައްދަށް ވެއްޓުނީ ކަމަށް ބެލެވޭ ބޯޓުގެ އެކި ބައިތައް ކަމަށް ޝައްކު ކުރެވިގެން އެ ސަރަހައްދުގެ އެކި ގައުމުތަކުން ވަނީ ރިޕޯޓް ކޮށްފަ އެވެ. އެ ގޮތުން ދިވެހި ރާއްޖޭން ވެސް އެ މަތިންދާބޯޓުގެ ބައިތަކެއް ކަމަށް ޝައްކު ކުރެވޭ އެއްޗިހިތަކެއް ފެނިގެން މެލޭޝިޔާ ސަރުކާރުން ވަނީ އެ ތަކެތި ގެންގޮސް ތަހުގީގު ކޮށްފަ އެވެ. އެހެން ނަމަވެސް އެއިން އެއްވެސް އެއްޗަކީ އެމްއެޗް370 ގެ ބައި ތަކެއް ނޫން ކަމުގައި ވަނީ ކަށަވަރުވެފަ އެވެ.

އެ ބޯޓު ހޯދުމުގައި އިސްކޮށް ހަރަކާތްތެރިވާ އޮސްޓްރޭލިއާ އިން ގެންދަނީ ކަނޑުއަޑީގެ ޑްރޯން ފަދަ އާލަތްތައް ބޭނުން ކުރަމުންނެވެ.

އޮސްޓްރޭލިއާގެ އިތުރުން މެލޭޝިއާ އާއި ޗައިނާ ގުޅިގެން އެމްއެޗް370 ފެނޭތޯ ބެލުމަށް ކަނޑައެޅި 120،000 ކިލޯމީޓަރުގެ ތެރެއިން މިހާތަނަށް 105،000 ކިލޯމީޓަރުގެ ސަރަހައްދެއް ބަލައިފަ އެވެ.

ނަމަވެސް، އިތުރު ސައްހަ މައުލޫމާތެއް ނުލިބިއްޖެ ނަމަ، ބޯޓު ހޯދުމުގެ މަސައްކަތް މި އަހަރުގެ ޖުލައި ނުވަތަ އޯގަސްޓްގައި ރަސްމީކޮށް ހުއްޓާލާނެ ކަމަށް ބެލެވެ އެވެ.