ކޮލަމްބޯ ޕޯޓް ސިޓީގެ އާ އެއްބަސްވުމުގައި ސޮއިކޮށްފި

ކޮލަމްބޯ (އޮގަސްޓް 14) - ސްރީ ލަންކާގެ ކޮލަމްބޯ ބަނދަރާ ޖެހިގެން ބިން ހިއްކައިގެން ހަދާ ކޮލަމްބޯ ޕޯޓް ސިޓީ ޕްރޮޖެޓުގެ އާ އެއްބަސްވުމުގައި ޗައިނާއާ އެކު ސޮއިކޮށްފި އެވެ.


ޕޯޓް ސިޓީ ޕްރޮޖެކްޓާ މެދު އިންޑިއާ އިން ކަންބޮޑުވުން ފާޅު ކުރުމުން ލަންކާ އިން ވަނީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ސަރުކާރުން ސޮއިކުރި އެއްބަސްވުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި ޗައިނާ އަށް ބިން މިލްކު ކުރެވޭ މާއްދާ އަށް ވަނީ ބަދަލު ގެނެސްފަ އެވެ. މިހާރު އޮތް ގޮތުން ބިން މިލްކު ކުރުމުގެ ބަދަލުގައި 99 އަހަރަށް ޗައިނާ އަށް ކުއްޔަށް ދޭން ވަނީ އެއްބަސްވުމުގައި ހިމަނައިފަ އެވެ. އަދި ޕްރޮޖެކްޓުގެ ނަން ވެސް ވަނީ "ކޮލަމްބޯ އިންޓަނޭޝަނަލް ފައިނޭންޝަލް ސިޓީ" އަށް ބަދަލުކޮށްފަ އެވެ.

ލަންކާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ކުރީގެ އެއްބަސްވުމުގައި ނެތް އެކަމަކު ލަންކާ އަށް ފައިދާކުރާނެ އެތައް ކަމެއް މިހާރު ހިމަނާފައިވާ ކަމަށެވެ.

ޕޯޓް ސިޓީގެ މަސައްކަތް ކުރިއަށް ގެންދާ ޗައިނާ ސަރުކާރުގެ ކުންފުނި ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިން ވަނީ އާ އެއްބަސްވުމަށް ތާއީދުކޮށްފަ އެވެ. އަދި މި މަޝްރޫއަށް 1.4 ބިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ސީސީސީސީ އިން ވަނީ ބުނެފަ އެވެ.

ސީސީސީސީ އިން ބުނީ އާ ޕްރޮޖެކްޓުން 83،000 ވަޒީފާ އުފެދޭނެ ކަމަށާއި ބޭރުގެ 13 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށެވެ.

އާ ސަރުކާރު ވެރިކަމަށް އައުމާ އެކު ޕޯޓް ސިޓީގެ މަސައްކަތް ވަނީ މަޑު ޖައްސާލައިފަ އެވެ. ރާޖަޕަކްސާގެ ވެރިކަމުގައި ގައުމުގެ ތަރައްގީގެ މަސައްކަތްތަކުގައި ޗައިނާގެ އެހީ އަށް ވަނީ ވަރަށް ބޮޑަށް ބުރަވެފަ އެވެ. ރާޖަޕަކްސާގެ ވެރިކަމުގައި އެއް ގައުމަކުން އެންމެ ބޮޑަށް ލަންކާގައި އިންވެސްޓްކޮށްފައި ވަނީ ޗައިނާ އިންނެވެ. މަގުތަކާއި ހައިވޭ އާއި ރޭލްވޭ އާއި ބަނދަރާއި އެއާޕޯޓް ވެސް ވަނީ ޗައިނާ އިން ހަދައިދީފަ އެވެ.

ކޮލަމްބޯ ޕޯޓް ސިޓީ ޕްރޮޖެކްޓަކީ ލަންކާގައި އެއް ކުންފުންޏަކުން ހިންގާ އެންމެ ބޮޑު ފޮރިން އިންވެސްޓްމަންޓެވެ. ތޮއްޖެހިފައިވާ ކޮލަމްބޯއާ ޖެހިގެން ބިން ހިއްކައިގެން ތަރައްގީ ކުރާ މި ސިޓީގެ ބޮޑު މިނަކީ 269 ހެކްޓަރު (672 އޭކަރު) އެވެ. މި މަޝްރޫއު ނިމުމުން ޗައިނާ އަށް 108 ހެކްޓަރު (266 އޭކަރު) ގެ ބިން 99 އަހަރަށް ކުއްޔަށް ދޭން ޖެހެ އެވެ. ކުރިން އޮތް ގޮތުން މީގެ ތެރޭން 20 ހެކްޓަރުގެ ބިން ޗައިނާ އަށް މިލްކުކޮށްދޭން ޖެހެ އެވެ. މި އެއްބަސްވުމުގެ ދަށުން ލަންކާ ސަރުކާރަށް ލިބެނީ 62 ހެކްޓަރު (153 އޭކަރު) ގެ ބިމެވެ. ބާކީ ބަޔަކީ ޕާކުތަކާއި މަގުތަކެވެ.