ދުބާއީ (ނޮވެމްބަރު 22) - ޖާސޫސް ކުރިކަމުގެ ތުހުމަތު ކުރި އިނގިރޭސި ވިލާތުގެ ޕީއެޗްޑީ ދަރިވަރު މެތިއު ހެޖާސް އުމުރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.

އުމުރުން 31 އަހަރުގެ ދަރިވަރު ބުނެފައި ވަނީ އޭނާ އަކީ ކުށެއް ނުކުރާ މީހެއް ކަމަށެވެ. އަދި އޭނާ ދުބާއީ އަށް ދިޔައީ ޔޫއޭއީގެ ސެކިއުރިޓީ ސްޓްރެޓަޖީގެ ރިސާޗެއް ހަދަން ކަމަށް ވެސް ބުނެފައިވެ އެވެ.

ޕްރޮސެކިއުޓަރުން ބުނެފައި ވަނީ ހެޖާސް ވަނީ އަބޫ ދާބީގެ ކޯޓެއްގައި ކުށަށް އިއުތިރާފްވެފައި ކަމަށެވެ. އަދި އޭގެ މާނައަކީ އިނގިރޭސި ސަރުކާރަށް އޭނާ ޖާސޫސް ކުރުން ކަމަށާއި އެކަމުގައި ހެޖާސް ވަނީ ކުށްވެރިވެފައި ކަމަށެވެ.

އިނގިރޭސި ބޮޑު ވަޒީރު ތެރޭސާ މެއި ވިދާޅުވެފައި ވަނީ އެ މައްސަލާގައި ޔޫއޭއީ ސަރުކާރާ މަޝްވަރާ ކުރާނެ ކަމަށެވެ. އަދި އިނގިރޭސި ޚާރިޖީ ވަޒީރު ޖެރެމީ ހަންޓް ވަނީ ޔޫއޭއީގެ ޚާރިޖީ ވަޒީރު އަބްދުﷲ ބިން ޒައިދަށް ގުޅުއްވަން އިއްޔެ މަސައްކަތް ކުރައްވައިފަ އެވެ. ހަންޓް ވިދާޅުވީ އެ ހުކުމުގެ ސަބަބުން ކުއްލި ސިހުމެއް ލިބުނު ކަމަށެވެ.

ހަންޓް ވިދާޅުވީ އެ މައްސަލަ މިހާރު ވަނީ ޔޫއޭއީ ސަރުކާރުގެ އެންމެ މަތީ ލެވެލްއާ ހަމައަށް ގެންގޮސްފައި ކަމަށެވެ. އަދި އެއީ އިނގިރޭސި ވިލާތުގެ އިތުބާރު ކުރެވޭ ގައުމަކުން ކޮށްފާނެ ކަމަށް އުއްމީދު ކުރި ކަމެއް ނޫން ކަމަށެވެ.

ހެޖާސްގެ އާއިލާ އިން ބުނެފައި ވަނީ ވޭތުވެދިޔަ ހަ މަސް ދުވަހު އޭނާ ބަންދުގައި ބެހެއްޓި އިރު ސުވާލުކޮށްފައި ވަނީ ގާނޫނީ ވަކީލަކާ ނުލައި ކަމަށެވެ. އަދި އެ މުއްދަތުގައި އޭނާ ލައްވައި ވަނީ އަރަބި ބަހުން އޮތް ލިޔުމެއްގައި ސޮއިކުރުވައިފައި ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެއީ ކުށަށް އިއުތިރާފް ކުރުމުގެ ލިޔުމެއް ކަމަށް ވެސް އާއިލާ އިން ބުނެފައިވެ އެވެ.

"މެތިއު އަށް އަރަބި ބަސް ލިޔަން ކިޔާކަށް ނޭނގޭ،" އާއިލާ އިން ބުނެފައިވެ އެވެ.

ކުރު ޝަރީއަތުގައި ބައިވެރިވި ހެޖާސްގެ އަންހެނުން ޑެނިއަލާ ޓެޖަޑާ ބުނީ ހުކުމުން އޭނާ އަށް ލިބުނީ ޝޮކެއް ކަމަށެވެ. އޭނާ ބުނީ ހެޖާސް އަކީ ކުށެއް ކުރި މީހެއް ނޫން ކަމަށާއި ފޮރިން އޮފީހަށް ވެސް ހަގީގަތް ރަނގަޅަށް އެނގޭނެ ކަމަށެވެ.

އަބޫ ދާބީގެ ނޫސް "ދަ ނޭޝަން" އިން ބުނި ގޮތުގައި އުމުރު ދުވަހުގެ ހުކުމަކީ 25 އަހަރެވެ. އޭގެ ފަހުން ހެޖާސް ޑިޕޯޓްކޮށްލާނެ އެވެ. އަދި މައްސަލަ އިސްތިއުނާފް ކުރަން ހެޖާސް އަށް 30 ދުވަސް ލިބޭނެ ކަމަށް ވެސް ނޫހުން ބުންޏެވެ.

މެއި 5 ވަނަ ދުވަހު ދުބާއީ އެއާޕޯޓުން ހެޖާސް ހައްޔަރު ކުރީ ރިސާޗް ދަތުރެއް ނިންމާލުމަށް ފަހު ފުރަން ގޮސް ހުއްޓަ އެވެ. އޭނާ ރިސާޗް ކުރަމުން ދިޔައީ އަރަބި ސްޕްރިންގެ ސަބަބުން ޔޫއޭއީގެ ޚާރިޖީ ސިޔާސަތަށާއި ސަލާމަތަށް ކުރި އަސަރާ ގުޅޭ ގޮތުންނެވެ.