ގަލްފުގެ ތެޔޮ ބަންދު ކުރަން ޖެހިދާނެކަމުގެ އިންޒާރު ރޫހާނީ ދެއްވައިފި

ތެހެރާން (ޑިސެމްބަރު 6) - ގަލްފުން ބޭރު ކުރާ ތެޔޮ ބަންދު ކުރަން ޖެހިދާނެ ކަމުގެ އިންޒާރު އީރާނުގެ ރައީސް ހަސަން ރޫހާނީ ދެއްވައިފި އެވެ.


"އެމެރިކާ އަށް ރަނގަޅަށް އެނގެން ޖެހޭނެ އީރާނުން އެކްސްޕޯޓް ކުރާ ތެޔޮ އެ ގައުމަށް ނުހުއްޓުވޭނެކަން،" އީރާނާ ދެކޮޅަށް އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް އިޝާރާތް ކުރައްވައި ރޫހާނީ ވިދާޅުވި އެވެ. "އީރާނުން ބޭރު ކުރާ ތެޔޮ ހުއްޓުވަން އެމެރިކާ އިން އުޅޭ ނަމަ ޕާސިއަން ގަލްފުން ތެލުގެ އެކްސްޕޯޓެއް ނުހިނގާނެ."

ބައިނަލްއަގުވާމީ ގޮތުން ކުރިމަތިކުރާ ޕްރެޝަރަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ދަނީ 1980 ގެ އަހަރުތަކުން ފެށިގެން ގަލްފް ކަނޑުއޮޅި ބަންދު ކުރަން ޖެހިދާނެކަމުގެ އިންޒާރު ދެމުންނެވެ. ނަމަވެސް އަދި މިހާތަނަށް އެފަދަ ކަމެއް ކޮށްފައެއް ނުވެ އެވެ. ގަލްފު ކަނޑުއޮޅި ބަންދުކޮށްފާނެ ކަމަށް ރޫހާނީ އެންމެ ފަހުން ވިދާޅުވެފައި ވަނީ މިދިޔަ ޖުލައި މަހު އެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ މިދިޔަ މެއި މަހު ވަކިވުމަށް ފަހު އެ ގައުމާ ދެކޮޅަށް މިދިޔަ މަހު ވަނީ ތެލުގެ ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. އެމެރިކާ އިން ވަނީ އީރާނުގެ ތެލުގެ އެކްސްޕޯޓް ސުމަކަށް ތިރިކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އީރާނުން ތެޔޮ ގަތުމަށް އަށް ގައުމަކަށް ވަނީ ލުއިތަކެއް ދީފަ އެވެ.