ޚާމަނާއީއާ ދެކޮޅަށް އެމެރިކާ އިން އެޅީ މޮޔަ ފިޔަވަޅެއް: ރޫހާނީ

ތެހެރާން (ޖޫން 26) - އެމެރިކާ އިން އެޅި އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަމާޒަކަށް ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ހެދުމަކީ އެ ގައުމުން ކުރި މޮޔަ ކަމެއް ކަމަށް ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.


އީރާނުގެ ރަސްމީ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ރޫހާނީ ވިދާޅުވީ ޚާމަނާއީއާ ދެކޮޅަށް އެޅި ފިޔަވަޅުތައް ފެއިލްވާނެ ކަމަށެވެ. ސަބަބަކީ ޚާމަނާއީ އަކީ ގައުމުން ބޭރުގައި އެއްވެސް މުދަލެއް ހުރި ބޭފުޅެއް ނޫން ކަމަށެވެ.

ޚާމަނާއީ އަކީ ވޭތުވެދިޔަ 30 އަހަރު ތެރޭ ގައުމުން ބޭރަށް ވަޑައިގެންނެވި ބޭފުޅެއް ނޫނެވެ. ޚާމަނާއީ އެންމެ ފަހުން ގައުމުން ބޭރަށް ވަޑައިގެންނެވީ ރަސްމީ ދަތުރުފުޅެއްގައި 1989 ވަނަ އަހަރު ޗައިނާ އަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ އެމެރިކާއާ ދެކޮޅަށް އީރާނުން ދާދި ފަހުން ހިންގި ހުރިހާ ކަމެއްގައި ރޫހީ ލީޑަރު ޚާމަނާއީ އާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ. އެމެރިކާގެ ފިޔަވަޅުތަކުގެ ތެރޭގައި ސިފައިންގެ އިސް ފަރާތްތަކުގެ އިތުރުން ޚާމަނާއީ އާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންނަށް އެމެރިކާގެ ބާރު ހިނގާ އެއްވެސް އިދާރާއަކުން މާލީ މަންފާއެއް ހޯދުން ހުއްޓުވުން ހިމެނެ އެވެ.

ރޫހާނީ ވިދާޅުވީ ޚާމަނާއީއާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ އެމެރިކާ އިން ގޮތް ހުސްވެއްޖެކަން ޔަގީންވާ ކަމެއް ކަމަށެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ޖާވަދް ޒަރީފްއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެމެރިކާ އިން ވަނީ ބުނެފަ އެވެ.

އީރާނުގެ ފޮރިން މިނިސްޓްރީން ބުނީ ރޫހީ ލީޑަރާއި ޚާރިޖީ ވަޒީރާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ ޑިޕްލޮމެސީ އަށް އޮތް ދޮރު ބަންދު ކުރުން ކަމަށެވެ.