މެންބަރުންނަށް ރިޝްވަތު ދޭން ރާޖަޕަކްސާ އުޅުއްވި: ސިރިސޭނާ

ކޮލަމްބޯ (ޑިސެމްބަރު 9) - ބޮޑު ވަޒީރުގެ މަގާމަށް ހަމަޖެއްސި މަހިންދާ ރާޖަޕަކްސާ ވަނީ ޕާލަމެންޓުގެ މެންބަރުންނަށް ރިޝްވަތު ހުށަހަޅައިގެން އަޣުލަބިއްޔަތު ހޯދަން މަސައްކަތް ކޮށްފައި ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.


ޑެއިލީ މިރާ އަށް ދެއްވި އިންޓަވިއުއެއްގައި ސިރިސޭނާ ވިދާޅުވީ ސިޔާސީ މައްސަލަގަނޑު ބޮޑުވެފައި ވަނީ ޕާލަމެންޓުގެ 113 މެންބަރުންގެ ތާއީދު ރާޖަޕަކްސާ އަށް ނުހޯއްދެވުމުން ކަމަށެވެ. އަދި އެގޮތަށް އަޣުލަބިއްޔަތު ނުހޯއްދެވުނީ މެންބަރުން ކިޔާ އަޑު ބޮޑުވުމުން ކަމަށާއި ބައެއް މެންބަރުން ވަނީ ޕާޓީ ބަދަލު ކުރުމަށް 500 މިލިއަން ރުޕީސް އަށް ވެސް ޑިމާންޑްކޮށްފައި ކަމަށެވެ.

"މިހާ ބޮޑެތި އަދަދުތައް ހުށަހެޅުމުން ރާޖަޕަކްސާ އަށް އަޣުލަބިއްޔަތު ނުހޯއްދެވުނީ. އެހެން ނޫން ނަމަ ޕާލަމެންޓުގެ އަޣުލަބިއްޔަތު ރާޖަޕަކްސާ ހޯއްދަވާނެ،" ސިރިސޭނާ ވިދާޅުވި އެވެ. "ރާޖަޕަކްސާ އަށް 113 މެންބަރުންގެ ތާއީދު ހޯއްދެވުނު ނަމަ މިހާރު އުފެދިގެން މިއުޅޭ މައްސަލަތައް ފެންމަތި ނުވީސް."

ސިރިސޭނާ ވިދާޅުވީ ޕާލަމެންޓް އުވާލި މައްސަލައާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނިންމާ ގޮތެއްގެ ސަބަބުން މައްސަލަ ވަރަށް ބޮޑަށް ހައްލުވެގެން ދާނެ ކަމަށެވެ. ޕާލަމެންޓް އުވާލުން ސައްހަ ނޫން ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި ނަމަ ޕާލަމެންޓުން އިޚްތިޔާރު ކުރާ ބޮޑުވަޒީރަކާ އެއްބަސްވާނެ ކަމަށް ސިރިސޭނާ ވިދާޅުވި އެވެ. އެކަމަކު ބޮޑު ވަޒީރުގެ މަގާމުން ދުރުކުރި ރަނިލް ވިކްރަމަސިންހަ އަލުން އެ މަގާމަށް ގެންނާނެ ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ވަނީ ތަކުރާރު ކުރައްވައިފަ އެވެ.