މިސްރުގެ ޕިރަމިޑްތައް ކައިރީ އެއްޗެއް ގޮއްވާލައި ތިން ޓޫރިސްޓުން މަރު

ގާހިރާ (ޑިސެމްބަރު 29) - މިސްރުގެ ޕިރަމިޑްތައް ހިމެނޭ ސަރަަހައްދާ ކައިރީ ގޮއްވާލި ބޮމެއްގައި ވިއެޓްނާމުގެ ތިން ޓޫރިސްޓުންނާއި އެ މީހުންގެ މިސްރުގެ ގައިޑް ރޭ މަރުވެއްޖެ އެވެ.


މަގުގެ އެއްފަރާތު ފާރެއްގައި ހަރުކޮށްފައިވާ ބޮން ގޮއްވާލީ ވިއެޓްނާމުގެ 14 ޓޫރިސްޓުން ތިބި ބަސް އެ ސަރަހައްދު ހުރަސްކުރަނިކޮށެވެ. މަރުވި މީހުންގެ އިތުރުން ބަހުގައި ތިބި މީހުންގެ ތެރޭން 12 މީހުން ޒަޚަމްވި އެވެ. މީގެ ތެރޭން ދެ މީހެއްގެ ހާލު ސީރިއަސް އެވެ.

މިސްރުގައި ރޭ ގޮއްވާލި ބޮމުގައި ބަހަށް ލިބިފައިވާ ގެއްލުންތައް. --ފޮޓޯ:އޭއެފްޕީ

މިއީ ޓޫރިސްޓް ސީޒަނަށް ވާތީ މިސްރުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.

ޒަޚަމްވި މީހުން ވަނީ ކައިރީގައިވާ ހަރަމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށަައިފަ އެވެ. ބޮޑު ވަޒީރު މުސްތަފާ މަދްބޫލީ ވަނީ ޒަޚަމްވި މީހުންނަށް ޒިޔާރަތް ކުރައްވައިފަ އެވެ.

މިސްރަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރި ދުވަސްވަރު، 2010 ގައި ވަނީ 14 މިލިއަން މީހުން ޒިޔާރަތްކޮށްފަ އެވެ. ނަމަވެސް ޖެހިގެން އައި އަހަރު މިސްރަށް ވެސް ދިމާވި އަރަބި ސްޕްރިންގެ އޮއިވަރުގައި އުފެދުނު ހަމަނުޖެހުމުގައި މިސްރުގެ ޓޫރިޒަމް ވަނީ ދަށަށް ދާން ފަށައިފަ އެވެ. މިދިޔަ އަހަރު މިސްރަށް ޒިޔާރަތްކޮށްފައި ވަނީ 8.3 މިލިއަން މީހުންނެވެ. އަދި 2016 ވަނަ އަހަރު 5.3 މިލިއަން ޓޫރިސްޓުންނެވެ.