ހަނާ މުހައްމަދު އަހުމަދާއި އޭނާގެ ފިރިމީހާ ކަމަލް މުސްތަފާ ރާއްޖެ އައީ ހަނީމޫން ހޭދަކޮށްލުމަށެވެ. ނަމަވެސް ކޮވިޑްގެ ބަންދަށް ފަހު ރާއްޖޭގެ ބޯޑަރު ޖުލައި މަހު ހުޅުވާލި ފަހުން އެއް މަސް ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޒިޔާރަތްކުރި އެއް ލައްކަ ވަނަ ޓޫރިސްޓަށް ދެމަފިރިން ވުމުން އެމީހުންނަށް ކީ މަރުހަބާ އިން ލިބުނީ ހައިރާންކަމެވެ.

އެއް މަސް ތެރޭގައި އައި އެއް ލައްކަ ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އޮތް ރަސްމިއްޔާތަކީ "ވަރަށް ބޮޑު ސަޕްރައިޒެއް" ކަމަށް ހަނާ ބުންޏެވެ.

ހަނާގެ ދެމަފިރިންގެ ހަނީމޫން ރާއްޖޭގައި ހޭދަކުރަން ބޭނުންވީ ރާއްޖޭގެ ރީތިކަމުގެ ސަބަބުންނެވެ. ހަނީމޫނަށް ދާން ދުނިޔޭގެ އެކި މަންޒިލްތައް ބެލި އިރު އެންމެ ރަނގަޅު މަންޒިލްގެ ގޮތުގައި ފާހަގަކުރެވުނީ ރާއްޖެ ކަމަށް އޭނާ ބުންޏެވެ.

މިއީ ހަނާ އާއި ކަމަލް ރާއްޖެއަށް ކުރާ ފުރަތަމަ ދަތުރެވެ. އެހެންކަމުން ރާއްޖެއިން އަދާކުރި މެހެމާންދާރީގެ ސަބަބުން ވަރަށް އުފާވި ކަމަށް އޭނާ ބުންޏެވެ.

"މިއީ ހަނީމޫން ހޭދަކޮށްލުމަށް އެންމެ ރަނގަޅު މަންޒިލް. އަހަރެމެން ވަރަށް އުފާވޭ ފުރަތަމަ ދަތުރުގައި މިފަދަ ޝަރަފެއް ލިބުނީމަ،" ހަނާ ބުންޏެވެ.

ހަނާ އާއި އޭނާގެ ފިރިމީހާ ފޮޓޯއަކަށް ހުއްޓިލައިގެން: އަދިވެސް ރާއްޖެއަށް އަންނާނެ ކަމަށް ބުނި
ހަނާ އާއި އޭނާގެ ފިރިމީހާ ފޮޓޯއަކަށް ހުއްޓިލައިގެން: އަދިވެސް ރާއްޖެއަށް އަންނާނެ ކަމަށް ބުނި

އޭނާ ބުނިގޮތުގައި ރާއްޖެއަކީ ރީތި މަންޒަރުތަކާއި މޫދު އޭނާއަށް ވަރަށް ހާއްސަ އެވެ. އެހެންކަމުން ހަނީމޫނަށް ފަހު ވެސް މި ރީތިކަން ތަޖުރިބާކޮށްލަން އަދިި އަންނާނެ ކަމަށް ބުންޏެވެ.

"އަޅުގަނޑަށް ވަރަށް ކަމުދޭ ރާއްޖޭގެ މޫދާއި ގޮނޑުދޮށާއި މަންޒަރުތައް،" އޭނާ ބުންޏެވެ.

އެކަމަކު މިއަދަކީ ވަރަށް ވިއްސާރަ ދުވަހެއް ކަމުން އުޑުމަތި ބަނަވެފައި ކަނޑު ވެސް ގަދަ އެވެ. ހެނދުނު ޖައްސަން އޮތް ބައެއް ފްލައިޓްތައް، ވައި ގަދަވެގެން ރަންވޭއަށް ޖެއްސުން ވެސް ލަސްވި އެވެ.

މި މަހު އައި އެއް ލައްކަ ވަނަ ޓޫރިސްޓަށް ހަނާ ހޮވުމުން ދެމަފިރިންނަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ރާއްޖޭގެ ފުރަތަމަ ބޯޑާ މައިލްސް ޕްރޮގްރާމުގެ "އައިދަ" ދަރަޖަ ދީފަ އެވެ. މިއީ ރާއްޖެ އަންނަ ޓޫރިސްޓުންގެ ތެރެއިން 500 ޕޮއިންޓް ކަލެކްޓު ކުރާ ޓޫރިސްޓުންނަށް ދޭ ދަރަޖައެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެ މީހުންނަށް ދިނީ ވަނީ ކުރީ ޒަމާނުގައި ދިވެހިން ދަތުރުފަތުރުކޮށް އުޅުނު ދޯނީގެ މޮޑެލްއެކެވެ.

ހަނާގެ ދެމަފިރިން ހަނީމޫން ހޭދަކުރަނީ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުގަ އެވެ.