ކްލިންޓަން ފައުންޑޭޝަން ބަންދުކުރުމަށް ޓްރަމްޕް ގޮވާލައްވައިފި

ވޮޝިންޓަން (އޮގަސްޓް 23) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ހިލަރީ ކްލިންޓަންގެ ފިރިކަލުން އަދި ކުރީގެ ރައީސް ބިލް ކްލިންޓަން ހިންގަވާ "ކްލިންޓަން ފައުންޑޭޝަން" ބަންދު ކުރުމަށް ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވައިފި އެވެ.


ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ވަނީ ކްލިންޓަން ފައުންޑޭޝަނަކީ ސިޔާސީ ތާރީޚުގައި އެންމެ ކޮރަޕްޓް ޖަމިއްޔާ ކަމަށް ވިދާޅުވެފަ އެވެ.

ކްލިންޓަންގެ ރިޔާސީ ދައުރު ހަމަވުމުން ވައިޓްހައުސް އިން ނުކުމެވަޑައިގެން 2001 ވަނަ އަހަރު ކްލިންޓަން ފައުންޑޭޝަން އުފެއްދެވި ފަހުން މިހާތަނަށް އެ ޖަމިއްޔާ އަށް ވަނީ ދެ ބިލިއަން ޑޮލަރު ޖަމާކޮށްފަ އެވެ. އެ ޖަމާއަތުން ދަނީ އެމެރިކާގެ އިތުރުން އެހެން ގައުމުތަކަށް ވެސް އެހީވަމުންނެވެ. ކްލިންޓަން ފައުންޑޭޝަނުން 2014 ވަނަ އަހަރު އެކަނިވެސް ވަނީ 218 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ.

"އެއީ ވަގުތުން ބަންދުކުރަން ޖެހޭ ތަނެއް،" އޮހާޔޯގައި ބޭއްވި އެއްވުމެއްގައި ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ އަންހެނުންނާ މެދު ތަފާތު ކުރުން ގެންގުޅޭ ވަރަށް ގިނަ ގައުމުތަކުން ކްލިންޓަން ފައުންޑޭޝަނަށް އެހީވެދީފައިވާ ކަމަށެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރުކަމުގެ މަގާމުގައި ހިލަރީ ހުންނެވި އިރު ސައުދީ އަރަބިއާ ފަދަ ގައުމުތަކުން ވަނީ ކްލިންޓަން ފައުންޑޭޝަނަށް އެހީތެރިވެދީފަ އެވެ.

"އެއީ އަނބުރާ ހަވާލު ކުރަން ޖެހޭ ފައިސާ،" ޓްރަމްޕް ވިދާޅުވި އެވެ.

ކްލިންޓަން މިދިޔަ ހަފުތާގައި ވަނީ އެމަނިކުފާނުގެ އަނބިކަނބަލުން އެމެރިކާގެ ރައީސްގެ މަގާމަށް އިންތިޚާބު ވެއްޖެ ނަމަ ބޭރު ގައުމެއްގެ އެއްވެސް ފައިސާއެއް ކްލިންޓަން ފައުންޑޭޝަނުން ގަބޫލް ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ފައުންޑޭޝަނުގެ ބޯޑުން އިސްތިއުފާ ދެއްވާނެ ކަމަށް ކްލިންޓަން ވަނީ ވިދާޅުވެފަ އެވެ.