ބެންކޮކް (ޖެނުއަރީ 30) - ތައިލެންޑުގެ ވެރިރަށް ބެންކޮކުގެ ވައި ތަޣައްޔަރުވުމުގެ ސަބަބުން ސްކޫލްތައް އެއް ހަފުތާ އަށް ބަންދުކޮށްފި އެވެ.
ބެންކޮކުގެ ގިނަ ހިސާބުތަކުގައި އެއާ ޕޮލިއުޝަން މިހާރު ހުރީ ސިއްހަތަށް ނުރައްކާ މިންވަރުގަ އެވެ. ނަތީޖާއެއްގެ ގޮތުން ބެންކޮކުގެ 400 އަށް ވުރެ ގިނަ ސްކޫލް ބުދަ ދުވަހު ވަނީ ބަންދުކޮށްފަ އެވެ. އަދި ބެންކޮކް ވަށައިގެންވާ ޕްރޮވިންސްތަކުގެ ސްކޫލްތައް ވެސް ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ބަންދު ކުރަން ވަނީ ނިންމައިފަ އެވެ.
"އިތުރު ހަފުތާއަކަށް ސްކޫލްތައް ބަންދުކުރާނީތޯ ނިންމާނީ ހޮނިހިރު އަދި އާދިއްތަ ދުވަހު އެއާ ޕޮލިއުޝަން ވަޒަން ކުރުމަށް ފަހު،" ސަރުކާރުގެ ތަރުޖަމާން ޕުއްޓިޕޮންގް ޕުންނަކަން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
ވައި ނުސާފުވުމުން ތައިިލެންޑުން މިހާރު ވަނީ އާޓިފިޝަލް ވާރޭ ވެއްސަން މަސައްކަތް ފަށައިފަ އެވެ. އާޓިފިޝަލް ވާރޭ ވެއްސަނީ "ކްލައުޑް ސީޑިން" އަށް ބޭނުންކުރާ މަތިންދާ ބޯޓު ބޭނުންކޮށްގެންނެވެ.
ބެންކޮކުގެ ވައި ނުސާފުވެފައި ވަނީ ވެހިކަލްތަކުން އަރާ ދުމުގެ އިތުރުން، އިމާރާތްކުރުމުގެ މަސައްކަތްކުރާ ތަންތަނުން އަރާ ކުނޑި އާއި ދުމުގެ ސަބަބުންނެވެ.