އީރާނުގެ ޚާރިޖީ ވަޒީރުގެ އިސްތިއުފާ ރައީސް ރޫހާނީ ގަބޫލެއް ނުކުރެއްވި

ތެހެރާން (ފެބްރުއަރީ 27) - އީރާނުގެ ޚާރިޖީ ވަޒީރު ޖާވަދް ޒަރީފްގެ އިސްތިއުފާ އެ ގައުމުގެ ރައީސް ހަސަން ރޫހާނީ ގަބޫލެއް ނުކުރެއްވި އެވެ.


އީރާން ސަރުކާރުގެ ރަސްމީ ވެބްސައިޓުގައި ބުނެފައި ވަނީ ޒަރީފްގެ އިސްތިއުފާ އަކީ ރައްޔިތުންނާ ދެކޮޅަށް ނިންމެވި ނިންމެވުމެއް ކަމަށް ރައީސް ރޫހާނީ ދެކެވަޑައިގަންނަވާ ކަމަށެވެ.

ޒަރީފްގެ އިސްތިއުފާ ހޯމަ ދުވަހު އިއުލާން ކުރެއްވީ އިންސްޓަގްރާމް މެސެޖެއްގަ އެވެ.

ރައީސް ރޫހާނީ ވަނީ އީރާނަށް މިހާރު ދިމާވެފައިވާ މައްސަލަތަކުގައި ޚާރިޖީ ވުޒާރާގެ ޒިންމާތައް ވަރަށް ބޮޑުކަން ފާހަގަ ކުރައްވައިފަ އެވެ. އަދި އެކަމަށްޓަކައި އެ މަސައްކަތުގައި ދެމިހުންނެވުމަށް ރޫހާނީ ވަނީ ޒަރީފްގެ ކިބައިން އެދިވަޑައިގެންފަ އެވެ.

"އިސްތިއުފާ ގަބޫލް ކުރުމަކީ ރައްޔިތުންގެ ފައިދާއާ ދެކޮޅަށް ކުރާ ކަމަކަށްވާނީ،" ރޫހާނީ ވިދާޅުވި އެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ކޮމާންޑަރު ގާސިމް ސުލައިމާނީ ވިދާޅުވީ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު ފަރާތަކީ ޒަރީފް ކަމަށްވާ އިރު އޭނާގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށެވެ.

އިސްތިއުފާ ދެއްވި ސަބަބެއް ޒަރީފް ވިދާޅެއް ނުވެ އެވެ. ނަމަވެސް ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވި ހިސާބުން އީރާނުގެ ހަރުކަށި ފަރާތްތަކުން ދަނީ ޒަަރީފަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.

ދުނިޔޭގެ ބާރުތަކާ އެކު 2015 ވަނަ އަހަރު އީރާނުން ގާއިމްކުރި ނިއުކްލިއާ އެއްބަސްވުން ހަގީގަތަކަށް ހެދުމަށް އޭނާ އަދާ ކުރެއްވި ރޯލު ފާހަގަ ކުރެވެ އެވެ. ނަމަވެސް އެ އެއްބަސްވުމުން މިދިޔަ މެއި މަހު އެމެރިކާ ވަކިވުމުން އެއްބަސްވުމުގެ ކުރިމަގާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

އުމުރުން 59 އަހަރުގެ ޒަރީފް ތައުލީމް ހާސިލް ކުރައްވާފައި ވަނީ އެމެރިކާ އިންނެވެ. ޔުނިވާސިޓީ އޮފް ޑެންވާ އިން ވަނީ އިންޓަނޭޝަނަލް ލޯ އިން ޕީއެޗްޑީ ނަންގަވައިފަ އެވެ. އދ. އަށް ކަނޑައަޅާފައި ހުންނަ އީރާނުގެ ސަފީރުކަމުގެ މަގާމު ވެސް ޒަރީފް ވަނީ އަދާ ކުރައްވައިފަ އެވެ. ރައީސް ރޫހާނީ ވެރިކަމަށް ވަޑައިގެން ޒަރީފަށް ޚާރިޖީ ވަޒީރުކަން ދެއްވީ 2013 ވަނަ އަހަރު އެވެ.