ޓޯކިޔޯ (މާޗް 10) - ޖަޕާނުގެ ފެރީއެއް ބޮޑު މަހެއްގައި ޖެހި 87 މީހުންނަށް އަނިޔާވެފައިވާ ކަމަށް އެ ގައުމުގެ ކޯސްޓްގާޑުން ބުނެފި އެވެ.

ޖަޕާނު ކަނޑުގައި ހޮނިހިރު ދުވަހު ހިނގި މި ހާދިސާގައި ޒަޚަމްވި މީހުންގެ ތެރޭން ފަސް މީހެއްގެ ހާލު ސީރިއަސް އެވެ. ފެރީ ބޮޑު މަހުގައި ޖެހުނީ ސަޑޯ އައިލެންޑާ ކައިރިވެފައި ވަނިކޮށެވެ. ފެރީ އެކްސިޑެންޓްވި ސަރަހައްދުން މީގެ ކުރިން ވަނީ ހަމްޕްބެކް ފަދަ ބޮޑު މަސް ފެނިފަ އެވެ.

"ފެރީ އަށް ވަރަށް ބޮޑު ލޮޅުމެއް އެރި. އެއް ޕަސިންޖަރެއްގެ ގައިން ލޭ ވެސް އައި،" ފެރީން ދަތުރުކުރި މީހަކު ޖަޕާނުގެ ގައުމީ ޓީވީގައި ވާހަކަ ދައްކަމުން ބުންޏެވެ.

މި އެކްސިޑެންޓްގައި ފެރީގެ ބަނޑުފިލައަށް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ. އެކްސިޑެންޓްވި ފެރީން 121 ޕަސިންޖަރުންނާއި ހަ ފަޅުވެރިން ދަތުރުކުރި އެވެ.