ބަޣާވާތް ނާކާމިޔާބުކޮށްލި ސިފައިންނަށް މަދޫރޯގެ ޝުކުރު

ކަރާކަސް (މާޗް 10) - އިދިކޮޅު ލީޑަރު ހުއާން ގުއައިޑޯ އާއި އެމެރިކާ ގުޅިގެން ގެންނަން އުޅުނު ބަޣާވާތް ނާކާމިޔާބުކޮށްލާފައިވާތީ ވެނެޒުއެލާގެ ސިފައިންނަށް ރައީސް ނިކޮލަސް މަދޫރޯ ޝުކުރު އަދާ ކުރައްވައިފަ އެވެ.


ބޮޑު އެއްވުމެއްގައި ވާހަކަ ދައްކަވަމުން މަދޫރޯ ވިދާޅުވީ އޭނާ އަށް ވަފާތެރި ސިފައިން ދެއްކީ ގައުމު ދިފާއު ކުރުމުގެ ނަމޫނާއެއް ކަމަށެވެ. ވެނެޒުއެލާގައި ކަރަންޓް ކަނޑާ މައްސަލަ އަށް އިޝާރާތް ކުރައްވައި މަދޫރޯ ވިދާޅުވީ އެއީ އިދިކޮޅު ފަރާތްތަކުން ދޭން އުޅޭ ސައިބާ ހަމަލާއެއް ހުއްޓުވަން ކުރާ ކަމެއް ކަމަށެވެ.

ވެނެޒުއެލާގެ ރައީސްއަކީ އޭނާ ކަމަށް އިދިކޮޅު ލީޑަރު ގުއައިޑޯ ޖެނުއަރީ 23 ވަނަ ދުވަހު އިއުލާން ކުރި ނަމަވެސް ސިފައިން ވަނީ ސަރުކާރާ އެކުގައިވާ ކަން ހާމަކޮށްފަ އެވެ. އިދިކޮޅު ލީޑަރަށް ތާއީދު ކުރާ ކަމަށް އެމެރިކާ އާއި ޔޫރަޕް އަދި ލެޓިން އއެމެރިކާގެ ގައުމުތަކުން ވަނީ ބުނެފަ އެވެ.

ރިޔާސީ ގަނޑުވަރުގެ ބޭރުގައި ވާހަކަ ދައްކަވަމުން މަދޫރޯ ވިދާޅުވީ ގުއައިޑޯ އަކީ އެމެރިކާގެ ޕަޕަޓެއް ކަމަށެވެ.

ވެނެޒުއެލާގެ އިދިކޮޅު ފަރާތްތަކުން މިހާރު ދަނީ ގައުމުގެ އެކި ކަންކޮޅުތަކުން ވެރިރަށް މީހުން ޖަމާކޮށް ބޮޑު އެއްވުމެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.