ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ފިލިޕީންސް ވަކިވެއްޖެ

މެނީލާ (މާޗް 18) - ބައިނަލްއަގުވާމީ ޖިނާއީ ކޯޓް (އައިސީސީ) އިން ރަސްމީކޮށް ފިލިޕީންސް ވަކިވެއްޖެ އެވެ.


އައިސީސީ އިން ވަކިވުމަށް ނިންމާފައިވާކަން ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ މާޗު މަހު އެވެ. ބުރުންޑީން ވެސް މިހާރު ވަނީ އައިސީސީ އިން ވަކިވެފަ އެވެ.

"މި މަހު 17 ވަނަ ދުވަހުން ފެށިގެން އައިސީސީ އިން ފިލިޕީންސް ވަކިވެފައިވާކަން ސެކްރެޓަރީ ޖެނެރަލް ވަނީ ކަމާބެހޭ ހުރިހާ ފަރާތްތަކަކަށް އަންގާފައި،" އދ.ގެ ތަރުޖަމާން އެރި ކަނެކޯ ވިދާޅުވި އެވެ.

އައިސީސީ އިން ގައުމެއް ވަކިވެވޭނީ އެ ގައުމަކުން އެ ކޯޓުން ވަކިވާން ހުށަހަޅާތާ އެއް އަހަރު ފަހުންނެވެ. އެކަމަކު އެ ގައުމެއް އައިސީސީ އިން ވަކިވުމުގެ ކުރިން އެ ގައުމަކާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައެއް ނަމަ ބެލޭނެ އެވެ. އެހެންކަމުން ފިލިޕީންސްގައި ޝަރީއަތަކާ ނުލައި މީހުން މަރާ މައްސަލައިގެ ތަހުގީގު އައިސީސީ އިން ކުރިއަށް ގެންދާނެ އެވެ. އެ މައްސަލަތަކުގެ ޕްރިލިމިނަރީ ތަހުގީގު މިހާރު ވެސް ވަނީ އައިސީސީ އިން ފަށައިފަ އެވެ.

ފިލިޕީންސް އިން ބުނަމުން ދަނީ އެ ގައުމު އެއްވެސް އިރެއްގައި އައިސީސީގައި ރަސްމީކޮށް ބައިވެރިވެފައި ނުވާނެ ކަމަށެވެ. އެހެންވެ އެ ގައުމުގެ މައްސަލައެއް ނުބެލޭނެ ކަމަށް ވަނީ އަންގައިފަ އެވެ. ރައީސް ޑުޓާޓެ ވެސް ވިދާޅުވެފައި ވަނީ ތަހުގީގުގައި އައިސީސީ އަށް އެއްބާރުލުން ނުދޭނެ ކަމަށެވެ. އަދި އައިސީސީގެ ޕްރޮސެކިއުޓަރުން ފިލިޕީންސަށް ހިނގައްޖެ ނަމަ ހައްޔަރު ކުރާނެ ކަމުގެ އިންޒާރު ވެސް ޑުޓާޓެ ވަނީ ދެއްވައިފަ އެވެ.

ޑުޓާޓެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ވަނީ ފިލިޕީންސްގައި ޑްރަގު ބޭނުންކޮށް ވިޔަފާރި ކުރާ މީހުން މަރަން އަންގަވައިފަ އެވެ. ޑުޓާޓެގެ އަމުރަށް ފިލިޕީންސްގައި 5،176 މީހުން މަރާފައިވާ ކަމަށްވެ އެވެ. ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތް ޖަމާއަތްތަކުން ބުނަނީ އެ އަދަދު ތިން ގުނަ އިތުރުވާނެ ކަމަށެވެ.

ދެހާސް ދެ ވަނަ އަހަރު އުފެއްދި އައިސީސީ އަކީ ޖިނާއީ ކުށްތައް ބަލާ ބައިނަލްއަގުވާމީ ހަމައެކަނި ކޯޓެވެ. އެ ކޯޓުން ބަލަނީ ގައުމީ ކޯޓުތަކުން ނުބަލާ މައްސަލަތަކެވެ.

އައިސީސީގައި ފިލިޕީންސް ބައިވެރިވެފައި ވަނީ ކުރީގެ ރައީސް ބެނިން އަކީނޯގެ ވެރިކަމުގައި 2011 ވަނަ އަަހަރު އެވެ.