ފިލިޕީންސްގައި މީހުން މަރާ މައްސަލަ ބައިނަލްއަގުވާމީ ކޯޓަށް

މެނީލާ (ފެބްރުއަރީ 9) - ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ފައްޓަވާފައިވާ ޑްރަގާ ދެކޮޅު ހަނގުރާމައިގައި ޝަރީއަތަކާ ނުލައި މީހުން މަރާ މައްސަލައިގެ ތަހުގީގު ކުރަން ބައިނަލްއަގުވާމީ ޖިނާއީ ކޯޓް (އައިސީސީ) އިން ނިންމައިފި އެވެ.


އައިސީސީގެ ޗީފް ޕްރޮސެކިއުޓާ ފަޓޮއޫ ބެންސޫދާ ވިދާޅުވީ ފިލިޕީންސްގައި ޝަރީއަތުން ބޭރުން މީހުން މަރާކަމުގެ ރިޕޯޓްތަކުގެ އިބްތިދާއީ އަޑުއެހުންތަކެއް ބާއްވާނެ ކަަމަށެވެ. އަދި ފިލިޕީންސްގެ ހާލަތު ވަރަށް ގާތުން ދިރާސާކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ބެންސޫދާ ވިދާޅުވީ ފިލިޕީންސްގެ މައްސަލާގައި އައިސީސީން ފުރަތަމަ ކުރާނީ ތަހުގީގެއް ނޫން ކަމަށާއި ނަމަވެސް ލިބެމުންދާ ރިޕޯޓްތަކަށް ބަލާ އެއީ ފުރިހަމަ ތަހުގީގެއް ހިންގިދާނެ ކަމެއްތޯ ބަލާނެ ކަމަށެވެ.

ޑްރަގާ ދެކޮޅު ހަނގުރާމައިގައި އެތައް ބަޔަކު މަރަމުންދާތީ ޑުޓާޓެ އަށް ވަނީ ބައިނަލްއަގުވާމީ ގޮތުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވާން ފަށައިފަ އެވެ. ފިލިޕީންސްގެ ވެރިކަމަށް 2016 ވަނަ އަހަރު ވަޑައިގަތުމަށް ފަހު ޑުޓާޓެ ވަނީ ޑްރަގުގެ ވިޔަފާރި ކުރާ މީހުން ހުއްޓުވުމަށް ފުލުހުންނަށް އުނދަގޫވާ ނަމަ ބަޑިޖަހާ މަރަން އަންގަވައިފަ އެވެ.

ޑުޓާޓެގެ ތަރުޖަމާން ހެރީ ރޯގް ވިދާޅުވީ އައިސީސީން ކުރަން އުޅެނީ ބޭކާރު ކަމެއް ކަމަށާއި އެއީ ވަގުތާއި ހަކަތަ ނަގާލުން ކަމަށެވެ.