ޚިޔާނާތުގެ ފައިސާ އިން ގަތް ޔޮޓް 126 މިލިއަން ޑޮލަރަށް ވިއްކާލަނީ

ކުއާލަ ލަމްޕޫރު (އެޕްރީލް 3) - މެލޭޝިއާގެ އިންވެސްޓްމެންޓް ބޭންކް 1އެމްޑީބީގެ ޚިޔާނާތުގެ ފައިސާ އިން 250 މިލިއަން ޑޮލަރު (އެއް ބިލިއަން ރިންގިޓް) އަށް ގަތް ސުޕަ ޔޮޓް އެ ގައުމުގެ ކުންފުންޏަކަށް 126 މިލިއަން ޑޮލަރަށް ވިއްކާލަން ނިންމައިފި އެވެ.


ގާތްގަނޑަކަށް 300 ފޫޓު (90 މީޓަރު) ގެ "އިކުއަނިމިޓީ" ޔޮޓުގައި ޕޫލާއި ހެލިޕެޑަކާއި ސިނަމާއެއް ހުރެ އެވެ. ކޭމަން އައިލެންޑްސްގައި ރަޖިސްޓްރީކޮށްފައިވާ ޔޮޓް ގަނެފައި ވަނީ 1އެމްޑީބީގެ ޚިޔާނާތުގައި އެންމެ ބޮޑަށް ބައިވެެރިވި ލޯ ޓައެކް ޖޯ އެވެ. އިންޑޮނީޝިއާ އިން އެ ޔޮޓް މިދިޔަ އަހަރު ހިފެހެއްޓުމަށް ފަހު އޮގަސްޓް މަހު ވަނީ މެލޭޝިއާ އަށް ގެންގޮސްފަ އެވެ.

މެލޭޝިއާގެ އެޓާނީ ޖެނެރަލް ޓޮމީ ތޯމަސް ވިދާޅުވީ ޔޮޓް ވިއްކާލަނީ ހޮޓަލާއި ރިސޯޓް ހިންގާ ކުންފުންޏެއް ކަމަށްވާ ޖެންޓިން މެލޭޝިއާ އަށް ކަމަށެވެ. އަދި ޔޮޓް ވިއްކާލުމުގެ ކަންތައް މި މަސް ނިމޭއިރަށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތޯމަސް ވިދާޅުވީ ޔޮޓް ވިއްކާލާ 126 މިލިއަން ޑޮލަރަކީ މީގެ ފަސް މަސް ކުރިން އެ ޔޮޓް ނީލަމަށްލީ ފަހުން ލިބުނު އެންމެ ރަނގަޅު އަގު ކަމަށެވެ.

1އެމްޑީބީގެ ޚިޔާނާތުގެ އަގު 4.5 ބިލިއަން ޑޮލަރަށް އަރާ ކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނެ އެވެ.