ކޮންގްރެސް ޕާޓީގެ މެނިފެސްޓޯ އަކީ ދޮގު ލިޔުމެއް: މޯދީ

ނިއު ދިއްލީ (އެޕްރީލް 4) - އިދިކޮޅު ކޮންގްރެސް ޕާޓީން އިންތިޚާބަށް ނެރެފައިވާ މެނިފެސްޓޯ އަކީ ދޮގު ލިޔުމެއް ކަމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.


މި މަހު 11 ގައި ފަށާ އާއްމު އިންތިޚާބުގެ ކެމްޕޭނުގައި ވެސްޓް ބެންގާލްގައި ވާހަކަ ދަައްކަވަމުން މޯދީ ވިދާޅުވީ ކޮންގްރެސްގެ މެނިފެސްޓޯގައި ވަނީ ގައުމުގެ ދިފާއީ ބާރު މާޔޫސްކޮށްލާ ކަހަލަ ވާހަކަތަކެއް ކަމަށެވެ.

"އެއީ ދޮގު ވާހަކަތަކެއް ހިމަނައިގެން ނެރެފައިވާ ލިޔުމެއް. އޭގައި ވަނީ ގައުމީ ދިފާއީ ބާރަށް ހިމާޔަތް ދޭން ހުރި ގާނޫނުތަކުގެ ބާރު ކުޑަކޮށްލާ ވާހަކަތައް. އޭގެ ސަބަބުން ފައިދާ ވާނީ ޕާކިސްތާނަށް،" ސްޓޭޓުގެ ވެރިރަށް ކޮލްކަތާގެ ބްރިގޭޑް ޕެރޭޑް ގްރައުންޑްގައި ބޭއްވި ބޮޑު އެއްވުމުގައި މޯދީ ވިދާޅުވި އެވެ.

ދެ ވަނަ ދައުރަކަށް ބޮޑު ވަޒީރު ކަމަށް ވަޑައިގަތުމަށް ކެމްޕޭން ކުރައްވާ މޯދީ ވިދާޅުވީ ކޮންގްރެސްގެ ވިރާސީ ވެރިކަމުން ގައުމު ހަލާކުކޮށްލައިފި ކަމަށެވެ. އަދި ކޮންގްރެސް އިން ވެރިކަން ކުރާނީ ވެސްޓް ބެންގާލްގައި ވޭތުވެދިޔަ ހަތް އަހަރު، ބޮޑު ދައިތަ އާއި އޭނާގެ ދެބެންގެ ދެދަރި ފިރިހެން ކޮއްކޮ ވެރިކަން ކުރާ އުސޫލުން ކަމަށް ވިދާޅުވި އެވެ. މޯދީ އެ އިޝާރާތް ކުރައްވާފައި ވަނީ ކޮންގްރެސް އިން ވެރިކަން ކުރާ ވެސްޓް ބެންގާލްގެ ބާރުގަދަ ޗީފް މިނިސްޓަރު މަމާތާ ބަނެރްޖީ އާއި އޭނާގެ ކޮއްކޮ އަބީޝެކް ބަނެރްޖީއަށެވެ.

"އެބައި މީހުން ދަނީ މި ސްޓޭޓް ލޫޓްވަމުން،" މޯދީ ވިދާޅުވި އެވެ.

ވެސްޓް ބެންގާލުގައި ބަނެރްޖީއާ ދެކޮޅަށް ވެރިކަން ކުރާ ބީޖޭޕީން ވަނީ ވަރަށް ވަރުގަދަ އަށް ކެމްޕޭން ފަށައިފަ އެވެ.

"ވެސްޓް ބެންގާލްގައި މިހާ ބައިވަރު މީހުން އެއްވެފައި ވަނިކޮށް އަޅުގަނޑެއް ނުދެކެން،" ސަޕޯޓަރުންނާ މުޚާތަބް ކުރައްވައި މޯދީ ވިދާޅުވި އެވެ. "ތިޔަ ބޭފުޅުންގެ ވޯޓަކީ މި ސްޓޭޓް އާ ހަރުފަތަކަށް ގެންދަން މުހިންމު އެއްޗެއް. (ބަނެރްޖީގެ) ވެރިކަން މި ސްޓޭޓުގައި ނިމުމަކަށް ގެންނާނީ ބީޖޭޕީން."

ވެސްޓް ބެންގާލްގައި އޮތް އެހެން އެއްވުމެއްގައި މޯދީ އަށް ރައްދު ދެއްވުމުގެ ގޮތުން ބަނެރްޖީ ވިދާޅުވީ އެކަމަނާ އަކީ މޯދީ ނޫން ކަމަށާ އަދި އެކަމަނާ އިތުރުފުޅު ނުހައްދަވާނެ ކަމަށެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގެ، ލޮކް ސަބާގައި ތިން ވަނަ އަށް އެންމެ ގިނަ މެންބަރުން ހިމެނޭ ސްޓޭޓަކީ 90 މިލިއަން މީހުންގެ އާބާދީއެއް އޮތް ވެސްޓް ބެންގާލް އެވެ.

ޕާލަމެންޓުގެ 545 ގޮނޑީގެ އަޣުލަބިއްޔަތު ބީޖޭޕީ އާއި ކޮންގްރެސް އަށް ނުލިބިއްޖެ ނަމަ ބޮޑު ވަޒީރުކަމުގެ މަގާމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ މީހުންގެ ތެރޭގައި ބަނެރްޖީ ހިމެނެ އެވެ.

އިންޑިއާގެ އާއްމު އިންތިޚާބުގައި ވޯޓުލާނީ އެޕްރީލް 11 އިން މެއި 19 އަށެވެ. އިންތިޚާބުގައި 900 މިލިއަން މީހުން ވޯޓުލާނެ އެވެ. ނަތީޖާ އިއުލާން ކުރާނީ މެއި 23 ވަނަ ދުވަހު އެވެ.