މިސްކިތަށް ދިން ހަމަލާ ތަހުގީގުކުރާ ޓީމުގެ އިސް މެންބަރަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު

ކްރައިސްޗާޗް (އެޕްރީލް 8) - ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަކަށް ހަމަލާދީ 50 މީހުން މަރާލި ހާދިސާ ތަހުގީގު ކުރާ ޓީމުގެ އިސް މެންބަރަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ވިލިއަމް ޔަންގް ހަމަޖައްސައިފި އެވެ.


"މިސްކިތަށް ދިން ހަމަލާ ތަހުގީގު ކުރުމުގައި ނުފޮރޮޅާ އެންމެ ގަލެއް ވެސް ނުބާއްވާނަން. މާޗް 15 ވަނަ ދުވަހުގެ ހަމަލާ ދޭން މެދުވެރިވީ ކީއްވެތޯ އާއި އެބާވަތުގެ ހަމަލާތައް ހުއްޓުވާނީ ކިހިނެއްތޯއާ އަދި ނިއު ޒީލެންޑަކީ ރައްކާތެރި ތަނަކަށް ހެދޭނީ ކިހިނެއްތޯ ބަލާނަން،" ބޮޑު ވަޒީރު ޖަސިންޑާ އާޑާން ވިދާޅުވި އެވެ.

ހަމަލާ ތަހުގީގު ކުރުމަށް އާޑާން ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފަ އެވެ. ނިއު ޒީލެންޑުގެ ގާނޫނުތަކުގެ ދަށުން އެންމެ ބާރު ގަދަ އެ ކޮމިޝަނުގެ ރިޕޯޓް ޑިސެމްބަރު 10 ގެ ކުރިން ނިންމާނެ އެވެ.

އާޑާން ވިދާޅުވީ ތަހުގީގު ޓީމުގެ މަސައްކަތް އަންނަ މަހު 13 ގައި ފަށާނެ ކަމަށެވެ. ކޮމިޝަނުގެ ތަހުގީގުގައި މުސްލިމް ކޮމިއުނިޓީ އާއި ނިއު ޒީލެންޑުގެ ކައުންޓާ-ޓެރަރިޒަމް އެޖެންސީތަކާ މަޝްވަރާ ކުރާނެ އެވެ. އަދި ހަމަލާގެ ކުރިން ޓަރަންޓުގެ އަމަލުތައް ހުރި ގޮތާއި އޭނާ އަށް ބަޑީގެ ލައިސަންސް ލިބުނީ ކިހިނެއްތޯ ވެސް ބަލާނެ އެވެ.

އޮސްޓްރޭލިއާ އަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ބްރެންޓަން ޓަރަންޓް ދިން ހަމަލާގައި 50 މީހުން މަރުވެ 39 މީހުން ޒަޚަމްވި އެވެ. އޭނާގެ މައްޗަށް ވަނީ މީހުން މެރުމުގެ 50 ދައުވާ އާއި މީހަކު މަރަން އުޅުމުގެ 39 ދައުވާ އުފުލައިފަ އެވެ. ހަމަލާގައި 50 މީހުން މަރުވެ 39 މީހުން ޒަޚަމްވި އެވެ.