ރާޖަޕަކްސާގެ ކޮއްކޮގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ކުރަނީ

ކޮލަމްބޯ (ސެޕްޓެމްބަރު 1) - ސްރީ ލަނާކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ކޮއްކޮ އަދި ކުރީގެ ސަރުކާރުގެ އެންމެ ބާރުގަދަ އެކަކުގެ ގޮތުގައި ބެލުވުނު ގޮތަބަޔާ ރާޖަޕަކްސާގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ކުރަން ނިންމައިފި އެވެ.


ކުރީގެ ސަރުކާރުގެ ޑިފެންސް މިނިސްޓްރީ ހިންގެވި ގޮތަބަޔާގެ މައްޗަށް ދައުވާ ކުރަނީ ސަރުކާރުގެ ހަތިޔާރުތައް އަމިއްލަ ކުންފުންޏަކަށް ދީގެން ނާޖާއިޒު ގޮތުގައި ފައިދާ ހޯދާފައިވާތީ އެވެ. ގޮތަބަޔާ ހިންގެވި ކޮރަޕްޝަނުން ދައުލަތަށް 75 މިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ.

ކުރީގެ ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތައް ބަލާ ސްޕެޝަލް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ގޮތަބަޔާގެ މައްޗަށް ދައުވާ ކުރަން ހުށަހެޅީ ކޮލަމްބޯ މެޖިސްޓްރޭޓް ކޯޓަށެވެ.

ކަނޑުމަތީގެ ބޯޓެއްގައި އާމަރީއެއް ހަދައިގެން ހަތިޔާރު ގެންގުޅުމާއި ވެރިރަށް ކޮލަމްބޯ އިން ހަތިޔާރު ގުދަނެއް ފެނިފައި ވަނީ ރާޖަޕަކްސާގެ ވެރިކަން ނިމުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ. ގޮތަބަޔާގެ ނުފޫޒުން ހަތިޔާރު ސަޕްލައިކޮށްދީފައި ވަނީ އެވަންޓް ގާޑް ސެކިއުރިޓީ ސާވިސް ކުންފުންޏަށެވެ. އެ ކުންފުނިން ބުނެފައި ވަނީ ކަނޑުމަތީގެ އާމަރީ ބޭނުންކޮށްފައި ވަނީ ކަނޑުފޭރޭ ބޯޓުތަކުން ހިމާޔަތް ހޯދައިދިނުމަށް ކަމަށެވެ.

ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ. --ފޮޓޯ:އޭއެފްޕީ

ގޮތަބަޔާގެ މައްޗަށް ވަނީ ލަންކާ ހަނގުރާމައިގެ ފަހު ދުވަސްވަރު އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގި ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ.

ރާޖަޕަކްސާ އާއިލާގެ އެހެން ބައެއް މީހުންގެ މައްޗަށް ވެސް ވަނީ ކޮރަޕްޝަނުގެ ދައުވާކޮށްފަ އެވެ. މިދިޔަ މަހުކުރީކޮޅު ވަނީ ރާޖަޕަކްސާގެ ދޮށީ ދަރިކަލުން ނަމާލް ހައްޔަރުކޮށްފަ އެވެ. އެއީ މަނީ ލޯންޑްރިންގެ ތުހުމަތުގަ އެވެ. ރާޖަޕަކްސާގެ އަނެއް ދަރިކަލުން ޔޮޝިތާގެ މައްޗަށް ވެސް ވަނީ މަނީ ލޯންޑްރީން އާއި ކޮރަޕްޝަނުގެ ތުހުމަތުކޮށްފަ އެވެ. މީގެ އިތުރުން ރާޖަޕަކްސާގެ އަނެއް ކޮއްކޮ އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ބަސިލް ވަނީ މަނީ ލޯންޑްރިންގެ ތުހުމަތުގައި ތިން ފަހަރަށް ހައްޔަރުކޮށްފަ އެވެ.

ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެފައި ވަނީ ރާޖަޕަކްސާގެ 10 އަހަރުގެ ވެރިކަމުގައި ސަރުކާރުގެ ފައިސާ އިން ބިލިއަން ޑޮލަރުން ޚިޔާނާތްތެރިވެފައިވާ ކަމަށެވެ. އަދި ކޮރަޕްޝަނުގެ މައްސަލަތައް ބަލާ އެ ފައިސާ އަނބުރާ ހޯއްދަވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އިދިކޮޅު މެންބަރެއްގެ ގޮތުގައި ޕާލަމެންޓުގައި މިހާރު ހިމެނޭ ރާޖަޕަކްސާގެ މައްޗަށް ވެސް ވަނީ ކޮރަޕްޝަނާއި އިންސާނީ ހައްގުތަކާއި ޚިލާފުވިކަމުގެ ތުހުމަތުކޮށްފަ އެވެ.