މޫނު ބުރުގާ މަނާކުރުން: ލަންކާގެ މުސްލިމުންގެ ކަންބޮޑުވުމެއް

ކޮލަމްބޯ (އެޕްރީލް 30) - ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެ ގައުމުގައި މޫނު ނިވާކޮށްގެން އުޅުން މަނާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބައެއް މުސްލިމުން ބުނެފި އެވެ.


ލަންކާގެ ބައެއް މުސްލިމުން ބުނި ގޮތުގައި އެއީ މުސްލިމުން ދީނަށް އުޅުމުގެ ހައްގަށް އަރައިގަތުން ކަމަށެވެ. މިދިޔަ ހޯމަ ދުވަހުން ފެށިގެން އަމަލު ކުރަން ފެށި ގާނޫނުގައި މުސްލިމުން އަޅާ ބުރުގާ އާއި ނިގާބް އަދި ހިޖާބުގެ ވާހަކަ ބަޔާންކޮށްފައެއް ނުވެ އެވެ. ގާނޫނުގައި ބުނެފައި ވަނީ މޫނު ނިވާކޮށްގެން އުޅުން މަނާ ކަމަށެވެ. އަދި މޫނު ނިވާ ކުރުން މަނާ ކުރުމުގެ މާނައިގެ ތެރޭގައި ކަންފަތް ހާމަކުރަން ޖެހޭ ކަމަށް ވަނީ ބުނެފަ އެވެ.

"މޫނު ނިވާ ކުރުން މަނާ ކުރީ ގައުމީ ސަލާމަތަށް އަޅާ ފިޔަވަޅެއްގެ ގޮތުން. އެ މީހަކީ ކާކުކަން ނޭނގޭ ގޮތަށް މޫނު ނިވާ ނުކުރެވޭނެ،" ރައީސް މައިތުރިޕާލާ ސިރިސޭނާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި އެޅި ފިޔަވަޅަށް އޯލް ސިލޯން ޖަމިއްޔަތުލް އުލަމާ (އޭސީޖޭޔޫ) އިން ވަނީ ތާއީދުކޮށްފަ އެވެ. އެ ޖަމާއަތުގެ ޝެއިޚް އަރްކާން ނޫރަމިތު ވިދާޅުވީ މޫނު ބުރުގާ މަނާކުރި މައްސަލާގައި ޖަސްޓިސް މިނިސްޓްރީއާ މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ސްރީ ލަންކާގެ ސޫޕް ކިޗަންގެ ކޯ-ފައުންޑާ ގާނިތާ ރަޒީކް ވިދާޅުވީ އޭނާ މޫނު ބުރުގާ އަޅާތާ 16 އަހަރު ވެއްޖެ ކަމަށާއި މޫނު ބުރުގާ ނަގަން މިހާރު އެންގުމަކީ އޭނާގެ އައިޑެންޓިޓީ ގެއްލުވާލުން ފަދަ ކަމެއް ކަމަށެވެ.

"ގޭގައި އަބަދު އިނުމަކީ އަޅުގަނޑަށް ވާނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ވެރިކަން ކުރާ ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ފަރާތުން ޕާލަމެންޓުގައި ހިމެނޭ ހަރްޝާނާ ރަޖަކަރުނާ ވިދާޅުވީ މޫނު ބުރުގާ މަނާކުރަން އެޅި ފިޔަވަޅާ މެދު ލަންކާގެ މުސްލިމް ކޮމިއުނިޓީގެ މެދުގައި މާބޮޑު ކަންބޮޑުވުމެއް ނެތް ކަމަށެވެ.

ކޮލަމްބޯގައި ހަރަކާތްތެރިވާ ސޯޝަލް އެކްޓިވިސްޓެއް ކަމަށްވާ ޒައިނަބް ހުސައިން ބުނީ މި ހާލަތަށް ބަލާ ބުރުގާ އެޅުން މަނާކުރުމާ ދެކޮޅަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށެވެ. އަދި ކަންބޮޑުވުމަކީ ގާނޫނަކުން އެކަން މަނާކުރުން ކަމަށް އޭނާ ބުންޏެވެ.

ލަންކާގެ 21 މިލިއަން މީހުންގެ އާބާދީގައި މުސްލިމުންގެ ނިސްބަތަކީ 10 ޕަސެންޓެވެ.