ހިޖާބް އެޅޭނެ، މަނަލީ ބުރުގާ އާއި ނިގާބް: ލަންކާ

ބުރުގާ އެޅުމާ ބެހޭ ގޮތުން ސްރީ ލަންކާގައި އަމަލުކުރަން ފެށި އުސޫލު ގިނަ ބަޔަކަށް އޮޅިފައިވާ ކަމަށާއި އާދައިގެ ބުރުގާ އެޅުން މަނާ ނުވާ ކަމަށް ލަންކާގެ މިނިސްޓަ އޮފް އިކޮނޮމިކް އެންޑް ޑިސްޓްރިބިއުޝަން ހަރްޝާ ޑި ސިލްވާ ވިދާޅުވެއްޖެ އެވެ.


އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮމުގެ ހަމަލާތަކާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި އަމަލުކުރަން ފެށި އުސޫލުގައި "މުޅި މޫނު" ކަމަށް ބުނެފައިވަނީ ކަންފަތް ވެސް ފޮރުވޭ ގޮތަށް މޫނު ނިވާކުރުމަށް ކަމަށެވެ. އޭނާ ކުރެއްވި ޓްވީޓްތަކުގައި އިޝާރާތް ކުރައްވާފައިވަނީ، މޫނާއި ކަންފަތް ވެސް ފޮރުވޭ ގޮތަށް ބުރުގާ އެޅުން މަނާވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މަނާ ވާނީ މޫނުބުރުގާ (ބުރުގާ އާއި ނިގާބް) ކަމަށާއި "ހިޖާބް" ހުއްދަވާނެ ކަމަށެވެ.

އޭނާ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ބުރުގާގެ މައްސަލާގައި މިނިސްޓަ އޮފް މުސްލިމް އެފެއާޒް ހަލީމްއާ ވާހަކަ ދައްކަވާފައިވާ ކަމަށާއި ހިޖާބު ހުއްދަ ކަމަށް އޭނާ ވިދާޅުވި ކަމަށެވެ. އަދި މިކަން ސާފުކޮށްދިނުމަށް ބަޔާނެއް ނެރުމަށް އެދިވަޑައިގެންފައި ވާނެ ކަމަށް ވިދާޅުވި އެވެ.

މޫނު ނިވާކޮށްގެން އާންމު ތަންތަނުގައި އުޅުން މަނާކޮށްފައި މި ވަނީ ފައްޅިތަކާއި ހޮޓާތަކަށް އަމާޒުކޮށް ދިން ހަމަލާތަކާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހުގަ އެވެ. ހަމަލާތަކުގައި 260 އަށް ވުރެ ގިނަ މީހުން މަރުވި އިރު އެކަމުގެ ޒިންމާ އައިއެސް ޖަމާއަތުން ވަނީ އުފުލައިފަ އެވެ. އެ ޖަމާއަތާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ އެތައް ބަޔަކު ލަންކާ އިން ވަނީ ހައްޔަރުކޮށްފަ އެވެ.