މުސްލިމުންނަށް ދޭ ހަމަލާތަކާ ދެކޮޅަށް އެންމެ ހަރުކަށި ފިޔަވަޅު އަޅަނީ

ކޮލަމްބޯ (މެއި 14) - ސްރީ ލަންކާގެ މިސްކިތްތަކާއި މުސްލިމުންގެ ފިހާރަތަކަށް ދޭ ގެއްލުންތަކާ ދެކޮޅަށް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ލަންކާގެ ސަލާމަތީ ފަރާތްތަކުން ބުނެފި އެވެ.


ލަންކާ ސިފައިންގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް މަހޭޝް ސެނަނަޔަކަ ވިދާޅުވީ އާއްމުންގެ މުދަލާއި އަޅުކަން ކުރާ ތަންތަނަށް ދޭ ހަމަލާތައް ހުއްޓުވުމުގައި ސިފައިންނަށް ލިބިފައިވާ އެންމެ ވަރުގަދަ ބާރު ބޭނުން ކުރާނެ ކަމަށެވެ. އަދި ސްރީ ލަންކާ ހަމަނުޖެހުމުގެ ތެރެއަށް ވެއްޓޭ ތަން ބަލަން ސިފައިން ނުތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ލަންކާގައި ހަމަޖެހުން ގާއިމް ކުރުމުގައި ފުލުހުން ހިންގާ އޮޕަރޭޝަނުގައި ސިފައިންގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ގައުމާ މުޚާތަބް ކުރައްވައި ދެއްވި ޓީވީ އިންޓަވިއުއެއްގައި ފުލުހުންގެ ވެރިޔާ ޗަންދަނާ ވިކްރަމަރަތުނަ ވެސް ވަނީ ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި ފުލުހުންނަށް ލިބިފައިވާ އެންމެހާ ބާރުތައް ބޭނުން ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވެސް ވަނީ ގައުމުގެ ހަމަޖެހުމަށް ގޮވާއްލައިފަ އެވެ. އަދި މިހާރު ހިންގާ ހަމަނުޖެހުންތަކުގެ ސަބަބުން، މިިދޔަ މަހު ދިން ބޮމުގެ ހަމަލާތަކުގެ ތަހުގީގަށް ހުރަސް އެޅޭ ކަމަށް ރަނިލް ވިދާޅުވި އެވެ.

ލަންކާގެ އުތުރުގެ ކިނިޔާމާގެ މިސްކިތްތަކަށް ހަމަލާ ދެނީ ކްރިސްޓިއަން ގްރޫޕްތަކުންނެވެ. މިސްކިތްތަކުގެ ކުޑަދޮރުތަކުގެ ބިއްލޫރިތައް ތަޅާލުމުގެ އިތުރުން ޚަތިމްތަކުގައި ވަނީ ރޯކޮށްލައިފައި ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެ އެވެ.

މިދިޔަ އާދިއްތަ ދުވަހު ވަނީ ޗިލޯ ޓަނުގައި ވެސް މުސްލިމުންގެ ފިހާރަތަކާއި މިސްކިތްތަކަށް ހަމަލާދީފަ އެވެ. އެ ޓަނުގައި ހަމަނުޖެހުން އުފެދުނީ މުސްލިމަކު ފޭސްބުކްގައި ކުރި ކޮމެންޓަކާ ގުޅިގެންނެވެ.

ލަންކާގައި ރޭ އިއުލާންކުރި ކާފިއު ރޭ ފަތިހު އުވާލި ނަމަވެސް ނޯތު ވެސްޓަން ޕްރޮވިންސްގައި މުއްދަތެއް ނެތް ގޮތުގައި ކާފިއު އަލުން ވަނީ ހިންގައިފަ އެވެ. އެ ޕްރޮވިންސްގެ ހަމަނުޖެހުންތަކުގައި އަނިޔާވި 45 އަހަރުގެ މުސްލިމަކަށް ފަރުވާ ދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ.