ވޯޓުލާން ދިޔަ މުސްލިމުންތަކެއް ތިބި ބަހަކަށް ހަމަލާދީފި

ކޮލަމްބޯ (ނޮވެމްބަރު 16) - ސްރީ ލަންކާގެ ރިޔާސީ އިންތިޚާބުގައި މިއަދު ވޯޓުލުން ކުރިއަށް ދަނިކޮށް ހުޅަނގު އުތުރުގެ ޓައުނެއްގައި ވޯޓުލާން ދިޔަ މުސްލިމުންތަކެއް ތިބި ބަހަކަށް ބަޑިހިފައިގެން ތިބި ބަޔަކު ހަމަލާދީފި އެވެ.


ހަމަލާގައި އެއްވެސް މީހަކު މަރުވިކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް ފުލުހުން ބުނީ ހަމަލާ ދިން މީހުން ވަނީ ބަހުގެ ޓަޔަރުގައި ރޯކޮށްލުމަށް ފަހު މަގުން ދަތުރު ކުރި ވެހިކަލްތަކަށް ހުރަސް އަޅައިފައި ކަމަށެވެ.

"ބަޑި ހިފައިގެން ތިބި މީހުން ހަމަލާ ދިނުމަށް ފަހު ވަނީ ބަހަށް ގާ ވެސް އުކާފައި،" ޓަންޓިރިމާލެ ޓައުންގެ ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.

ހަމަލާ ދިނީ ވެރިރަށް ކޮލަމްބޯގެ އުތުރުން 240 ކިލޯ މީޓަރު (150 މޭލު) ދުރުގައި އޮންނަ ޓައުނަކަށެވެ.

ފުލުހުން ބުނީ މުއްތަލަމްގެ މުސްލިމުން ދަތުރު ކުރީ އެ މީހުން ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ މަންނާރަށް ކަމަށެވެ. ހަމަލާ ދިނުމާ އެކު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް، ބްލޮކް ކުރި މަގު ހުޅުވާލައިފަ އެވެ.

ލަންކާގެ އިންތިޚާބުގައި 35 ކެންޑިޑޭޓުން ވާދަކުރެ އެވެ. ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 16 މިލިއަން މީހުންނަށެވެ. ލަންކާގެ 21 މިލިއަން މީހުންގެ އާބާދީގައި މުސްލިމުންގެ ނިސްބަތަކީ 10 ޕަސެންޓެވެ.