ރޯދަ ވީއްލުމުގައި ޓްރަމްޕް: ރޯދަ މަހަކީ ޚާއްސަ މަހެއް

ވޮޝިންޓަން (މެއި 15) - ރޯދަ މަހަކީ ކެތްތެރިކަމާއި ސުލްހައިގެ މަހެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.


އެމެރިކާ ސަރުކާރުގައި ހިމެނޭ މުސްލިމް މެންބަރުންނާއި ބޭރު ގައުމުތަކުގެ މުސްލިމް ޑިޕްލޮމެޓުންނަށް ވައިޓް ހައުސްގައި ބޭއްވި ރޯދަވީއްލުމެއްގައި ޓްރަމްޕް ވިދާޅުވީ ރޯދަ މަހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މުސްލިމުންނަށް ޚާއްސަ މަހެއް ކަމަށެވެ.

"ރަމަޟާން މަހަކީ ދީލަތިކަމުގެ މައްސަރެއް. އެކަކު އަނެކަކަށް އެހީވުމުގެ މައްސަރެއް. އެއީ އާއިލާތަކާއި އަވަށްޓެރިންނާއި މުޖްތަމައުތައް ބަދަހިކޮށްދޭ މައްސަރެއް،" ވައިޓް ހައުސްގެ ސްޓޭޓް ޑައިނިން ރޫމްގައި އޮތް ރޯދަ ވީއްލުމުގައި ޓްރަމްޕް ދެއްވި ކުރު ބަޔާނުގައި ވިދާޅުވި އެވެ. "އެ ރޫހުގައި އަޅުގަނޑުމެން އެންމެން މިރޭ މި ރޯދަ ވީއްލުމަށް އައިސް މި ތިބީ."

ޓްރަމްޕް ވިދާޅުވީ ރޯދަ ވީއްލުމަށް މުސްލިމުން އެއްވެ ތިބިއިރު އެ އެންމެންގެ ހިތްތައް ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި އަނިޔާ ލިބުނު މުސްލިމުންނާ އެކު ކަމަށެވެ.

"އަޅުގަނޑުމެންގެ ހިތްތައް ހިތާމައިން ފުރިފައި ވަނީ ނިއު ޒީލެންޑުގެ މިސްކިތުގައި ދިން ހަމަލާގައި މަރުވި މުސްލިމުންނަށް ޓަކައި. ހަމައެގޮތަށް ސްރީ ލަންކާ، ކެލިފޯނިއާ އަދި ޕީޓްސްބާގުގައި ދިން ހަމަލާގައި މަރުވި ކްރިސްޓިއަނުންނާއި ޔަހޫދީން އަދި ކުޑަ ކުދިންނަށްޓަކައި،" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ ޓެރަރިޒަމް ނައްތާލަން ޖެހޭ ކަމަށާއި ކޮންމެ ބަޔަކަށް ވެސް ބިރުވެރިކަމެއް ނެތި އަޅުކަން ކުރެވެން ޖެހޭ ކަމަށެވެ.

ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު ވައިޓް ހައުސް އަށް ދައުވަތު ދެވޭ ފަރާތްތަކަށް އެމެރިކާގެ ރައީސް ރޯދަ ވީއްލުން ދެއްވަ އެވެ.