ވޮޝިންޓަން (ޖޫން 5) - ވައިޓް ހައުސްގައި ރޯދަ ވީއްލުން މި އަހަރު ބާއްވާ ގޮތަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ.
އެމެރިކާގެ ކުރީގެ ތިން ރައީސުން ދަމަހައްޓަވަމުން އައި ސަގާފަތާ ޚިލާފަށް ޓްރަމްޕް މިދިޔަ އަހަރު ވަނީ ވައިޓް ހައުސްގެ ރޯދަ ވީއްލުން ބާއްވަން ދެކޮޅު ހައްދަވައިފަ އެވެ.
ވައިޓް ހައުސްގެ ތަރުޖަމާން ލިންޑްސޭ ވޯލްޓާސް ވިދާޅުވީ މި އަހަރުގެ ވައިޓް ހައުސްގެ ރޯދަ ވީއްލުން ބުދަ ދުވަހު ބާއްވާނެ ކަމަށެވެ. ނަމަވެސް ރޯދަ ވީއްލުމަށް ދައުވަތު ދޭނެ ފަރާތްތައް ވައިޓް ހައުސް އިން ހާމަކޮށްފައެއް ނުވެ އެވެ. އަދި މި އަހަރު ރޯދަ ވީއްލުން ބާއްވަން ޓްރަމްޕް ނިންމެވި ސަބަބު ވެސް ހާމަކޮށްފައެއް ނުވެ އެވެ.
ވައިޓް ހައުސްގައި ކުރިން ބޭއްވި ރޯދަ ވީއްލުންތަކުގައި ބައިވެރިވި މުސްލިމް ލީޑަރުން އިއްޔެ ބުނެފައި ވަނީ މި އަހަރުގެ ރޯދަ ވީއްލުމަށް އަދި ދައުވަތު ލިބިފައި ނުވާ ކަމަށެވެ.
ވެރިކަމަށް ވަޑައިގެންނެވި ފަހުން މުސްލިމުންނާ ދެކޮޅަށް ޓްރަމްޕް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ސަބަބުން އޭނާ އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފަ އެވެ.
ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ވައިޓް ހައުސްގެ އިފްތާރުގައި ބައިވެރިވި ޔޭލް ޔުނިވާސިޓީގެ ދަރިވަރަކު ބުނީ ޓްރަމްޕުގެ ފަރާތުން މުޅިން ވެސް ފެންނަނީ އިސްލާމް ދީނާ ދެކޮޅު އަމަލުތައް ކަމަށެވެ.
ރޯދަ މަހު މުސްލިމުންނަށް ސްޓޭޓް ޑިޕާޓްމަންޓްގައި ބާއްވާ ރޯދަ ވީއްލުމުގެ އިވެންޓް ވެސް މިދިޔަ އަހަރު ވަނީ ކެންސަލްކޮށްފަ އެވެ. ސްޓޭޓް ޑިޕާޓްމަންޓުގައި ވަނީ 1999 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ރޯދަ ވީއްލުން ބާއްވައިފަ އެވެ.