އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ 80 ވަނަ އުފަންދުވަހާ ދިމާކޮށް، ޖޫން 14 ގައި ވައިޓް ހައުސްގެ 'ސައުތު ލޯން' ގައި އަލްޓިމޭޓް ފައިޓިން ޗެމްޕިއަންޝިޕް (ޔޫއެފްސީ) މުބާރާތެއް ބާއްވަން ނިންމައި އެކަމަށް ބޭނުންވާ ކޭޖާއި ސްޓޭޖް ހެދުމުގެ މަސައްކަތް ދަނި ކުރަމުންނެވެ.

"އަހަރެމެން މި ބާއްވަނީ ބޮޑު ތަޅާފޮޅުމެއް. މިއީ މީގެ ކުރިން ދުވަހަކުވެސް ހިނގާފައިވާ ކަމެއް ނޫން، އަދި ދެން ދުވަހަކުވެސް ނުފެންނާނެ ފަދަ ކަމެއް،" މި މަހުގެ ކުރީކޮޅު އޯވަލް އޮފީހުގައި ބޭއްވި އިވެންޓެއްގައި، މި މުބާރާތުގައި ބައިވެރިވާ ހަތަރު ފައިޓަރުންނާ އެކު ހުންނަވައި ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

ޔޫއެފްސީން މާޗު މަހު އިއުލާނުކޮށްފައިވާ ގޮތުގައި، ލައިޓްވެއިޓް ޗެމްޕިއަންޝިޕްގެ މި ކުރިމަތިލުމުގައި ޖުމްލަ ހަ ފައިޓެއް ހިމެނޭއިރު، އެންމެ ފަހު އަދި އެންމެ މުހިންމު ފައިޓުގައި ބައްދަލުކުރާނީ ފައިޓަރުން ކަމަށްވާ އިލިއާ ތޮޕޫރިއާ އަދި ޖަސްޓިން ގޭޗީ އެވެ.

ބިލިއަނަރު ރައީސް ވިދާޅުވާ ގޮތުގައި، ވައިޓް ހައުސްގެ މައިދާނުގައި ހުރެގެން 4،500 މީހުންނަށް މި މުބާރާތް ބަލައިލެވޭނެ އެވެ. އަދި ވައިޓް ހައުސްގެ ގޯތިތެރެއިން ބޭރުގައި ހަރުކޮށްފައިވާ ބޮޑެތި ސްކްރީންތަކުން 100،000 އާ ގާތްކުރާ އަދަދެއްގެ މީހުންނަށް ހިލޭ މި މުބާރާތް ބަލާލުމުގެ ފުރުސަތު ލިބޭނެ އެވެ.

ހޫނު މޫސުމުގައި ފާހަގަކުރާ އެމެރިކާގެ 250 ވަނަ މިނިވަންދުވަސް ނުވަތަ 'ފްލޭގް ޑޭ' ގައި ފާހަގަކުރާ ޓްރަމްޕުގެ އުފަންދުވަހާ ގުޅުވައި "ޔޫއެފްސީ ފްރީޑަމް 250" ގެ ނަން ދީފައިވާ މި އިވެންޓަށް މަދުވެގެން 60 މިލިއަން ޑޮލަރު ޚަރަދުވާނެ އެވެ. ނަމަވެސް ޔޫއެފްސީގެ ވެރިޔާ ޑޭނާ ވައިޓް ބުނި ގޮތުގައި މިއީ ސިޔާސީ ކަމެއް ނޫނެވެ. އަދި ވައިޓް ހައުސްއިން ބުނީ މިކަމަށް ރައްޔިތުންގެ ޓެކްސް ފައިސާއިން އެއްވެސް ހަރަދެއް ނުކުރާނެ ކަމަށެވެ.

ވައިޓް ހައުސްގެ ސައުތު ލޯންގައި ރައީސް ޑޮނަލްޑް ޓްރަމްޕުގެ 80 ވަަނަ އުފަން ދުވަހު ބާއްވާ ކޭޖް ފައިޓަށް ސްޓޭޖް ތައްޔާރުކުރަނީ. -- ފޮޓޯ: އޭއެފްޕީ
ވައިޓް ހައުސްގެ ސައުތު ލޯންގައި ރައީސް ޑޮނަލްޑް ޓްރަމްޕުގެ 80 ވަަނަ އުފަން ދުވަހު ބާއްވާ ކޭޖް ފައިޓަށް ސްޓޭޖް ތައްޔާރުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ނަމަވެސް، އީރާނާއެކު ހިނގާ ހަނގުރާމައިގެ ސަބަބުން ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ވައިޓް ހައުސްގެ ތާރީހީ މައިދާނެއްގައި މިފަދަ ކަމެއް ބާއްވާތީ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. 

މީގެ ކުރިން ވައިޓް ހައުސްގެ ސައުތު ލޯންއިން ފެނިފައިވަނީ އެމެރިކާގެ ރިޔާސީ ތާރީހުގެ އެންމެ ފާހަގަކޮށްލެވޭ ކަންކަމެވެ.

މަޝްހޫރު ވޯޓަގޭޓް ހާދިސާއާ ގުޅިގެން 1974 ވަނަ އަހަރު އިސްތިއުފާ އިއުލާނު ކުރެއްވުމަށްފަހު، ރިޗަޑް ނިކްސަން ވައިޓް ހައުސްއިން ވަޑައިގަތީ ސައުތު ލޯންއިންނެވެ. 

އަދި 1993 ވަނަ އަހަރުގެ އޮސްލޯ އެއްބަސްވުމުގައި އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު ޔިޒާކް ރަބީން އާއި ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތު ސޮއިކުރައްވައި ސަލާމްކުރެއްވި ތާރީހީ މަންޒަރު ފެނުނީ ވެސް ބިލް ކްލިންޓަން ހޮސްޓްކުރެއްވި މި ސައުތު ލޯންއިންނެވެ.

ނަމަވެސް، ފާޑުކިޔާ މީީހުން ބުނަނީ ކުރީގެ ރިއަލިޓީ ޝޯވ ތަރި ޓްރަމްޕް، އެތަނުގައި ކޭޖް-ފައިޓެއް ބާއްވައިގެން އަމިއްލަ ބޭނުމަށް ތާރީހު ލިޔުއްވުމަށް އެއްވެސް ޖެހިލުމެއް ނުވާ ކަމަށެވެ.

ޔޫއެފްސީއާ އެކު އޮންނަ ޒަމާންވީ ގުޅުމުގެ ސަބަބުން، ރައީސް ޓްރަމްޕަކީ އެ ކުންފުނީގެ އިވެންޓްތަކުގައި ގަވާއިދުން ފެންނަ ބޭފުޅެކެވެ.

މި އިވެންޓަކީ ހާމަ މާހައުލެއްގައި ބޭއްވޭ އިވެންޓަކަށްވެފައި، ދާދިފަހުން ޓްރަމްޕާ ގުޅޭގޮތުން ހިނގާދިޔަ ހާދިސާތަކަށް ބަލައި، ސެކިއުރިޓީ ވަރަށް ވަރުގަދަވާނެ ކަމަށް ބެލެވެ އެވެ.