އެމެރިކާގެ ތިން މީޑިއާ އައުޓްލެޓެއް ވައިޓް ހައުސްއަށް ވަނުން ރައީސް ޑޮނަލްޑް ޓްރަމްޕް މަނާކުރެއްވުމާ ގުޅިގެން، އޭނާގެ ހަބަރުތައް ބޯއިކޮޓްކޮށް އެމެރިކާގެ ޓީވީ ނެޓްވޯކްތަކުން ހޯމަ ދުވަހު އާދައާ އިހުތިޖާޖެއް ކޮށްފި އެވެ.
އުމުރުން 80 އަހަރުގެ ރިޕަބްލިކަން ރައީސް، އެމެރިކާގެ މީޑިއާއަށް ދެއްވަމުންގެންދަވާ ހަމަލާތައް ވަރުގަދަކުރައްވާފައި ވާއިރު، ހުކުރު ދުވަހު މަނާކުރެއްވީ ސީއެންއެން، އެމްއެސް ނައު އަދި ޕޮލިޓިކޯ އެވެ. އެ ތިން މީޑިއާއިން ވެސް ވަނީ މި މައްސަލާގައި ކޯޓަށް ދާން ނިންމައިފަ އެވެ.
ސީއެންއެންއަށް ތާއީދުކުރުމުގެ ގޮތުން، އެމެރިކާގެ އެންމެ ބޮޑު ފަސް ބްރޯޑްކާސްޓަރުން ހޯމަ ދުވަހު ވަނީ ވައިޓް ހައުސްގެ "ޕޫލް ކަވަރޭޖް" (އެހެން ނެޓްވޯކްތަކަށް އެއްބަޔަކު ކަވަރުކޮށްދޭ އުސޫލު) ހުއްޓާލިކަން އިއުލާންކޮށްފަ އެވެ. މިއީ ވަރަށް ނުކުރާ ކަމެކެވެ.
ހޯމަ ދުވަހު ވައިޓް ހައުސްގެ ޓީވީ ޕޫލްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސީއެންއެން އެވެ.
"ސަރުކާރާ ބެހޭ ތެދު އަދި މިނިވަން މައުލޫމާތު ލިބުމަކީ އާންމުންގެ ބޮޑު މަސްލަހަތެއް އޮތް ކަމެކެވެ. ރިޕޯޓްކުރާ ގޮތާ މެދު ހިތްހަމަނުޖެހިގެން އެއްވެސް ސަރުކާރަކުން ނޫސް އިދާރާއަކަށް ހުރަސްއަޅައިގެން ނުވާނެއެވެ،" އޭބީސީ، ސީބީއެސް، ސީއެންއެން، ފޮކްސް އަދި އެންބީސީ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ދުނިޔޭގެ އެކި ލީޑަރުންނާ ބައްދަލުކުރެއްވުމަށް ނިއު ޔޯކްގައި އޮތް އދ.ގެ އާންމު މަޖިލީހަށް ޓްރަމްޕް ހޯމަ ދުވަހު ކުރެއްވި ދަތުރުފުޅުގެ ޓީވީ ކަވަރޭޖެއް މި ނިންމުމުގެ ސަބަބުން ނުލިބޭނެ އެވެ.
މީޑިއާއަކީ 'ކެންސަރެއްފަދަ' އެއްޗެއް
ސީއެންއެން އަދި އެމްއެސް ނައު އިން ހުށަހެޅި މައްސަލައިގައި އެދިފައިވަނީ މި މަނާކުރުން ވަގުތުން އުވާލުމަށާއި، މިއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދޭ އެމެރިކާގެ ގާނޫނުއަސާސީގެ ފަސްޓް އެމެންޑްމަންޓާ ހިލާފު އަމަލެއް ކަމަށް ހުކުމްކޮށްދިނުމަށެވެ.
"މި މަނާކުރުމަކީ [ހިޔާލު ފާޅުކުުރުމުގެ މިނިވަންކަން ކަށަވަރުކޮށްދޭ] ފަސްޓް އެމެންޑްމަންޓަށް ދެވުނު ސީދާ ހަމަލާއެކެވެ. އަދި އަޅުގަނޑުމެންގެ އެންމެ އަސާސީ ގާނޫނީ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފުވުމެކެވެ،" ކޯޓަށް ހުށަހެޅި ލިޔުމުގައި އެ މީޑިއާތަކުން ބުނެފައިވެ އެވެ.
ނަމަވެސް ޓްރަމްޕް ވަނީ މީޑިއާއަކީ "ކެންސަރެއް" ކަމަށާއި ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ސިފަކުރައްވައި، އެ ނިންމެވުން ދަމަހައްޓަވައިފަ އެވެ.
"ވައިޓް ހައުސްއިން މިނިވަން ނޫސްވެރިކަމަށް ހަމަލާއެއް ނުދޭ. މިނިވަން ނޫސްވެރިކަމަކީ އަޅުގަނޑު ތަރުހީބުދޭ ކަމެއް،" ޓްރަމްޕް އޭނާގެ "ޓްރޫތު ސޯޝަލް" ގައި ލިޔުއްވާފައިވެ އެވެ.
"މި ހަމަލާ ދެނީ އަޅުގަނޑުމެންގެ ލޯބިވާ އެމެރިކާގައި ކެންސަރެއް ފަދައިން ފެތުރެމުންދާ 'ފޭކް ނިއުސް' އަށް."
ސިޔާސީ ދާއިރާއަށް ވެންނެވުމުގެ ކުރިން ސީއެންއެންގެ ކޮމެންޓޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ނައިބު ރައީސް ޖޭޑީ ވެންސް ވަނީ އެ މީޑިއާތަކުން "ވާތުފިޔައިގެ ޕްރޮޕެގަންޑާ" ފަތުރާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
"އެމީހުންނަށް އަދިވެސް ރިޕޯޓް ކުރެވޭނެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަން އަދިވެސް އެބައޮތް. އެކަމަކު ދެން އެމީހުންނަށް ވައިޓް ހައުސްއިން އޮފީހެއް ނުލިބޭނެ،" އޭނާ ނޫސްވެރިންނަށް ވިދާޅުވި އެވެ.
ނޫސްވެރިންގެ ފާސްތައް އަތުލުން
ހުކުރު ދުވަހު ޓްރަމްޕް ކުއްލިއަކަށް އިއުލާން ކުރެއްވި ފިޔަވަޅުގެ ސަބަބުން އޭނާގެ ސަރުކާރުގެ އިސް ފަރާތްތަކަށް ވެސް ބޮޑު ހައިރާންކަމެއް ލިބުނު ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.
ހޮނިހިރު ދުވަހު ސީއެންއެން، އެމްއެސް ނައު އަދި ޕޮލިޓިކޯގެ ނޫސްވެރިން ވައިޓް ހައުސްގެ ސަރަހައްދަށް ވަނުން މަނާކޮށް، އެ މީހުންގެ ފާސްތައް ވަނީ އަތުލައިފަ އެވެ. އެ މީޑިއާތަކުން ބުނީ ވައިޓް ހައުސްއިން ނޫސްވެރިންގެ ފާސްތައް ބާތިލްކުރީ "އެންގުމަކާ ނުލައި އަދި އެއްވެސް އިޖުރާއަތެއް ނެތި" ކަމަށާއި، އެއީ އެ މީޑިއާތަކުގެ ރިޕޯޓްކުރުމާ މެދު ހިތްހަމަނުޖެހިގެން ކަމަށެވެ.
"މިކަމާ ދެކޮޅަށް ފިޔަވަޅު ނޭޅިއްޖެ ނަމަ، މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށާއި ސަރުކާރުގެ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ނޫސްވެރިކަމެއް ލިބުމަށް އާންމުންނަށް އޮތް ހައްގަށް އޮތް ނުރައްކަލެކެވެ،" ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.