ތެޔޮ ޓޭންކަރުތަކަކަށް އިތުރު ހަމަލާތަކެއް، އީރާނަށް ތުހުމަތު!

އުމާން ކަނޑު އޮޅިން ދަތުރުކުރި ޖަޕާނާއި ނޯވޭގެ ދެ ތެޔޮ ޓޭންކަރަށް އިއްޔެ ހަމަލާތަކެއް އަރައި ގެއްލުންތަކެއް ވެއްޖެ އެވެ. އަދި އޭގެ ތެރޭގައި ހިމެނޭ ޖަޕާންގެ ޓޭންކަރު ކައިރިން ނުގޮވާ ހުރި މައިންތަކެއް އީރާނުގެ ސިފައިން ސާފުކުރުމުގެ މަސައްކަތްކުރާ ތަނުގެ ވީޑިއޯއެއް އެމެރިކާ އިން ވަނީ އާންމުކޮށްފަ އެވެ.


އެއްޗެހިތަކެއް ގޮވައިގެން ދެ ޓޭންކަރަށް ގެއްލުންވުމުން ފަޅުވެރިން އެ ބޯޓުތައް ދޫކޮށް ކަނޑަށް ފޭބި އެވެ. އެ މީހުން ސަލާމަތްކުރީ ކައިރިން ދަތުރުކުރި އެހެން ބޯޓުފަހަރުންނެވެ. އީރާނާއި އެމެރިކާ އިން ފަހުން ވަނީ އެ ފަޅުވެރިން އެ ގައުމުތަކުގެ އުޅަނދުތަކުގައި ތިބި ފޮޓޯތަކެއް އާންމުކޮށްފަ އެވެ.

މި ހަމަލާ މި އައީ ޔޫއޭއީ ކައިރިން ދަތުރުކުރި ހަތަރު ތެޔޮ ބޯޓަށް ހަމަލާތަކެއް ދިންތާ މަހެއްހާ ދުވަސް ފަހުންނެވެ.

އުމާން ކަނޑު އޮޅި އޮންނަނީ މުދާ އުފުލަން ބޭނުންކުރާ މަޝްހޫރު ކަނޑު ސަރަހައްދުގެ އެއްކޮޅުގަ އެވެ. އެ ދިމާލުން އަހަރަކު އެތައް ސަތޭކަ މިލިއަން ޑޮލަރުގެ އަގުހުރި ތެޔޮ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެންދެ އެވެ.

ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް ދިން މި ހަމަލާތަކުގެ ފަހަތުގައި އޮތީ އީރާން ކަމަށް އެމެރިކާ އިން ތުހުމަތުކުރެ އެވެ. އެކަމަކު އީރާނުން ބުނަނީ އެއީ ދޮގު ތުހުމަތުތަކެއް ކަމަށެވެ.

އީރާނާއި އެމެރިކާއާ ދެމެދު މިހާރު ވަނީ ވަރަށް ބޮޑު ދެކޮޅުވެރިކަމެއް އުފެދިފަ އެވެ. އީރާނާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުން އީރާންގެ ރުޅިވެރިކަން ވެސް ވަނީ ބޮޑުވަ އެވެ. މަސްރަހު ފިނިކުރަން ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުން އަންނަ މަސައްކަތުގައި އަދި އަލި މަގެއް ނުފެނެ އެވެ.

ހަމަލާގެ ޒިންމާ ނަގަން ޖެހޭނީ އީރާނުން: އެމެރިކާ

އެމެރިކާ އިން ބުނާ ގޮތުގައި އެ ގައުމުގެ ކަނޑުގެ ސިފައިންނަށް ފުރަތަމަ ލިބުނީ ނޯވޭގެ ބޯޓު ފްރޮންޓް އެލްޓައާ ހާލުގައި ޖެހުނުކަމުގެ ސިގުނަގެވެ. އޭގެ ފަހުން ޖަޕާންގެ ބޯޓު ކޮކޫކާ ކަރޭޖަސްގެ ކޯލް ލިބުނެވެ. އެ ސަރަހައްދަށް އެމެރިކާ ސިފައިން ދިޔަ އެވެ.

ގޮވުންތައް ގޮވި ފަހުން އެ ހިސާބުގައި އީރާނުގެ ކަނޑުގެ ސިފައިންގެ ބޯޓުފަހަރު ހަރަކާތްތެރިވި ކަމަށް އެމެރިކާ އިން ބުނެ އެވެ. އަދި ކޮކޫކާ ކަރޭޖަސް ކައިރިން ނުގޮވާ ހުރި މައިންތައް ނެގިތަން ވެސް ފެނުނު ކަމަށް އެމެރިކާ އިން ބުނެ އެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕެމްޕިއޯ ވިދާޅުވި ގޮތުގައި ހަމަލާތަކުގެ ޒިންމާ ނަގަން ޖެހޭނީ އީރާނުންނެވެ.

"އެގޮތަށް ބުނަން ޖެހެނީ ބޭނުންކުރި ހަތިޔާރާއި އެކަހަލަ އޮޕަރޭޝަން ހިންގުމުގެ ތަޖުރިބާ އާއި މި ފަހުން ބޯޓުފަހަރަށް އީރާނުން ދިން ހަމަލާތަކާއި އެ ފެންވަރުގެ ކަމެއްގެ ގާބިލްކަން އޮތް އެހެން ބަޔަކު އެ ސަރަހައްދުގައި ނޫޅޭތީ،" ޕޮމްޕިއޯ ވިދާޅުވި އެވެ.

އެމެރިކާގެ ތުހުމަތުތަކަށް އީރާނުން ވަނީ ރައްދިދީފަ އެވެ. އދ ގައި ހުންނަ އީރާނުގެ މިޝަނުން ބުނީ އެމެރިކާ އިން ދައްކަނީ އެއްވެސް ހެއްކެއް ނެތް ވާހަކަތަކެއް ކަމަށެވެ.

"ޖޫން 13 ވަނަ ދުވަހު އޮއިލް ޓޭންކަރުގެ ހާދިސާއާ ގުޅުވައިގެން އެމެރިކާ އިން ދައްކާ ވާހަކަތަކުގައި ސާބިތުހިފޭ އެއްވެސް ކަމެއް ނެތެވެ. އެންމެ ހަރުކަށި އިބާރާތުން އެމެރިކާގެ އެ ވާހަކައް އީރާނުން ދޮގުކުރަމެވެ،" އީރާނުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އިއްޔެގެ ހަމަލާއާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެލުގެ އަގު ވަނީ ހަތަރު ޕަސެންޓް މައްޗަށް ޖެހިފަ އެވެ. އޭގެ ކުރީ ދުވަހު ކުރިމަތިވީ ހަތަރު ޕަސެންޓްގެ ވެއްޓުމެކެވެ.