ހަރާރޭ (ސެޕްޓެމްބަރު 8) - ޒިމްބާބުވޭގެ ވެރިރަށް ހާރޭރޭގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުން މަނާ ކުރަން ފުލުހުން ނިންމާފައިވާ ނިންމުން އެ ގައުމުގެ ހައި ކޯޓުން އިއްޔެ ބާތިލްކޮށްފި އެވެ.
މި މައްސަލަ ކޯޓަށް ވެއްދީ ރައީސް ރޮބަޓް މުގާބޭއާ ދެކޮޅު އެކްޓިވިސްޓުންތަކެކެވެ. އެ މީހުން ވަނީ މިއީ ކޯޓުން ނިންމި "ވަރަށް ހިތްވަރުގަދަ" ނިންމުމެއް ކަމަށް ސިފަކޮށްފަ އެވެ. މި މައްސަލާގައި ކޯޓުގައި ވަކާލާތު ކުރެއްވި ކުރީގެ ފިނޭންސް މިނިސްޓަރު ވިދާޅުވީ ޒިމްބާބުވޭގެ ކޯޓުތައް މިނިވަންކަން މި ނިންމުމުން ސާބިތުވާ ކަމަށެވެ.
ޒިމްބާބުވޭގެ ހައި ކޯޓުގެ ފަނޑިޔާރު ޕްރިސީލިއާ ޗިގުމްބާ އިއްޔެ ކުރެއްވި ހުކުމުގައި ބުނެފައި ވަނީ މުޒާހަރާ ކުރުން މަނާކުރުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށެވެ. އަދި ޝަރުއީ ނިޒާމުގެ މިނިވަން ކަމާއި ގާނޫނު ނެގެހެއްޓުމަކީ ޑިމޮކްރެސީއެއްގައި ކޮންމެހެން ބޭނުންވާ ކަންތައް ކަމަށް އެކަމަނާ ވިދާޅުވި އެވެ.
ޒިމްބާބުވޭގައި މުޒާހަރާ ކުރަން ހުއްދަ ދޭ ފަނޑިޔާރުންނަށް މުގާބޭ ކުރިން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މުގާބޭ ވިދާޅުވީ ފެންނަނީ ފަނޑިޔާރުން ވެސް ސުލްހަ އަށް ހުރަސް އަޅާތަން ކަމަށާއި ފަނޑިޔާރުން ނިންމުންތައް ނިންމާ އިރު ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހޭނެ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައި ވަނީ މުގާބޭ ޝަރުއީ ނިޒާމަށް ބިރު ދައްކަވަނީ ކަމަށެވެ.
މުގާބޭ ދާދި ފަހުން ވަނީ މުޒާހަރާކޮށް "އަރަބި ސްޕްރިން" ގެނައި ފަދަ ގައުމަކަށް ޒިމްބާބުވޭ ނުހެދޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ވަނީ ހަމަނުޖެހުން ބޮޑު މުޒާހަރާތަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
އުމުރުން 92 އަހަރުގެ މުގާބޭ ދާދި ފަހުން ޒިމްބާބުވޭ އަށް ވަޑައިގެންނެވީ ގައުމުން ބޭރުގައި ގިނަ ދުވަސްތަކަކު އުޅުއްވުމަށް ފަހު އެވެ. އިދިކޮޅު ފަރާތްތަކުން ވަނީ މުގާބޭ ވަރަށް ބޮޑަށް ބަލިވެ އަދި އަވަހާރަވެއްޖެ ކަމަށް ވެސް އަޑު ފަތުރައިފަ އެވެ.
ޒިމްބާބުވޭގައި 1980 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރައްވަމުން ގެންދަވާ މުގާބޭ ވަނީ 2018 ވަނަ އަހަރު އޮންނަ އިންތިޚާބުގައި ވެސް ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.