ލަންކާ އަށް 3،000 ޓަނުގެ ކުނި އެތެރެ ކުރި މައްސަލަ ބަލަނީ

ކޮލަމްބޯ (ޖުލައި 28) - ސްރީ ލަންކާ އަށް ނުރައްކާތެރި ކުނިބުނީގެ 3،000 ޓަނު އެތެރެކޮށްފައިވާ މައްސަލަ ބަލަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު މަންގަލަ ސަމަރަވީރާ ވިދާޅުވެއްޖެ އެވެ.


ކަސްޓަމަސް ޑިޕާޓްމަންޓުން ބުނެފައި ވަނީ 241 ކޮންޓެއިނާގެ ކުނި އިނގިރޭސި ވިލާތުން އެތެރެކޮށްފައި ވަނީ ލަންކާގެ ކުންފުންޏަކުން ކަމަށެވެ. އޭގެ ތެރޭން 15 ކޮންޓެއިނާ އިންޑިއާ އާއި ދުބާއީ އަށް ފޮނުވާފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެފައިވެ އެވެ.

ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން ސަމަރަވީރާ ވިދާޅުވީ 180 ޓަނުގެ ކުނި ލަންކާ އިން އިންޑިއާ އާއި ދުބާއީ އަށް ގެންގޮސްފައި ވަނީ 2017 އަދި 2018 ވަނަ އަހަރު ކަމަށެވެ.

ސްރީ ލަންކާ ކަސްޓަމްސް އިން ބުނީ ޓްރީޓް ނުކުރާ ކުނިބުނި ލަންކާ އަށް އެކްސްޕޯޓް ކުރުމުގެ ކުރިން އިނގިރޭސި ވިލާތުގެ ކަމާބެހޭ ފަރާތްތަކުން އެކަމުގެ ހުއްދަ ކޮލަމްބޯ އިން ހޯދަން ޖެހޭނެ ކަމަށެވެ. ލަންކާ ކަސްޓަމްސް އިން ބުނީ އެ ގައުމަށް އެތެރެކުރި ކުނި ކޮންޓެއިނާތަކުގެ ތެރޭގައި މޯޗަރީ ވޭސްޓް ވެސް ހިމެނޭ ކަމަށެވެ.

"ކުނި ކޮންޓެއިނާތައް އަނބުރާ އިނގިރޭސި ވިލާތަށް ފޮނުވާލުމަށް އެ ތަކެތި އިމްޕޯޓްކުރި ފަރާތާއި ޝިޕިން އެޖެންޓަށް މިހާރު ވާނީ އަންގާފައި،" ސަމަރަވީރާ ވިދާޅުވި އެވެ. "އެކަމުގައި ޒިންމާވާ އެންމެންގެ މައްސަލަ ބެލުމަށް ވެސް ވާނީ އަންގާފައި."

ސަމަރަވީރާ ވިދާޅުވީ 130 ކޮންޓެއިނާ ވަނީ ކޮލަމްބޯއާ ކައިރީގައިވާ ފްރީ-ޑްރޭޑް ޒޯނަކަށް ގެންގޮސްފައި ކަމަށެވެ. އަދި ބައެއް ކޮންޓެއިނާތަކުން ކުނި ހުސްކޮށްފައިވުމުން ފެނާއި ވައި ތަޣައްޔަރުވެފައިވާ ކަމަށް ވިދާޅުވި އެވެ.

"ކުނި އިމްޕޯޓްކުރި ކުންފުންޏަށް އަންގާފައި ވާނީ އުކާލި ކުނިތައް އަލުން ކޮންޓެއިނާތަކަށް އަޅާ އިނގިރޭސިވިލާތަށް ފޮނުވުމަށް،" ސަމަރަވީރާ ވިދާޅުވި އެވެ.

ކުނި އެތެރެކޮށްފައި ވަނީ ސިލޯން މެޓަލް ޕްރޮސެސިސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓުންނެވެ. އެ ކުންފުނިން ބުނެފައި ވަނީ "ބޭނުންކޮށްފައިވާ ގޮދަޑިތަކެއް" ފްރީ-ޓްރޭޑް ޒޯނުގައި ޕްރޮސެސް ކުރުމުގެ ޒިންމާ އުފުލަން ޖެހޭނީ ސްޓޯރޭޖް ކުންފުނިން ކަމަށެވެ.

ސިލޯން މެޓަލްގެ ޑިރެކްޓަރު ސަސިކުމާރަން މުތުރަމާ ވިދާޅުވީ ކޮންޓެއިނާތަކުގައި ބަޔޯ ވޭސްޓް ނުހުންނާނެ ކަމަށެވެ. ކުނީގެ ތެރޭން 111 ކޮންޓެއިނާ ހުރީ ކޮލަމްބޯ ބަނދަރުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލަންކާ ކަސްޓަމްސް އިން ބުނީ ކޮންޓެއިނާތައް ހުރީ އޮޅުވާލައިގެން ލޭބަލްކޮށްފައި ކަމަށެވެ. އަދި ކުނި ކޮންޓެއިނާތަކުގެ ބޭރުގައި ލިޔެފައި ވަނީ އެއީ ބޭނުންކޮށްފައި ހުރި ގޮދަޑި ކަމަށް ވެސް ކަސްޓަމްސް އިން ބުނެފައިވެ އެވެ.