އިސްތިއުފާ ދިން ލަންކާގެ މުސްލިމް ވަޒީރުން އަލުން މަގާމުތަކަށް

ކޮލަމްބޯ (ޖުލައި 30) - ލަންކާ ކެބިނެޓުން އިސްތިއުފާ ދެއްވި މުސްލިމް މިނިސްޓަރުން އަލުން މަގާމުތަކާ އިއްޔެ ހަވާލުވެއްޖެ އެވެ.


މުސްލިމް މިނިސްޓަރުންނާއި ޑިޕިއުޓީން ހުވާ ކުރެއްވީ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ކުރިފުޅުމަތީގަ އެވެ.

މަގާމުތަކާ އަލުން ހަވާލުވި މުސްލިމް މިނިސްޓަރުން:

ރައޫފް ހަކީމް - މިނިސްޓަ އޮފް ސިޓީ ޕްލޭނިން، ވޯޓާ ސަޕްލައި އެންޑް ހައި އެޑިއުކޭޝަން.

ރިޝާދު ބަތީއުއްދީން - މިނިސްޓަ އޮފް އިންޑަސްޓްރީ އެންޑް ކޮމާސް، ރިސެޓްލްމެންޓް އޮފް ޕްރޮޓްރެކްޓެޑް ޑިސްޕްލޭސްޑް ޕާސަންސް، ކޯޕަރޭޓިވް ޑިވެލޮޕްމަންޓް އެންޑް ވޮކޭޝަނަލް ޓްރޭނިން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް.

އަމީރު އަލީ މުހައްމަދު ޝިހާބުއްދީން - ސްޓޭޓް މިނިސްޓަ އޮފް އެގްރިކަލްޗާ، އިރިގޭޝަން އެންޑް ރޫރަލް އިކޮނޮމިކް އެފެއާޒް.

އަބްދުﷲ މަހަރޫފް - ޑިޕިއުޓީ މިނިސްޓަ އޮފް ޕޯޓްސް އެންޑް ޝިޕިން.

ލަންކާ ކެބިނެޓުގެ މުސްލިމް މިނިސްޓަރުން ޖޫން މަހު ކުރީކޮޅު އިސްތިއުފާ ދީފައި ވަނީ އީސްޓާ ބޮމުގެ ހަމަލާ އަށް ފަހު އެވެ. އިސްތިއުފާ ދެއްވުމުގެ ކުރިން މިނިސްޓަރުން ބުނެފައި ވަނީ ކެބިނެޓުން ވަކިވަނީ ބޮމުގެ ހަމަލާގެ ތަހުގީގު މިނިވަންކަމާ އެކު ކުރިއަށް ގެންދަން ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އަދި މަގާމުތަކުން ވަކިވަނީ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހައާ މަޝްވަރާކޮށްފައި ކަމަށް ވެސް ބުނެފައިވެ އެވެ.

ބޮމުގެ ހަމަލާ އަށް ފަހު ލަންކާ ޕާލަމެންޓުގައި ހިމެނޭ ބުޑިސްޓް މެންބަރަކު ވަނީ ސަރުކާރުގައި ހިމެނޭ ހުރިހާ މުސްލިމުން އިސްތިއުފާ ދިނުމަށް ގޮވާލައިފަ އެވެ. މުސްލިމް މިނިސްޓަރުންގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ އަލުން މަގާމުތަކާ ހަވާލުވާން ނިންމީ ބޮމުގެ ހަމަލާއާ އޭގެ ތެރޭން އެއްވެސް ބޭފުޅަކާ ގުޅުމެއް ނެތް ކަމަށް ފުލުހުންގެ ތަހުގީގުން ސާބިތުވުމަށް ފަހު ކަމަށެވެ.

ސްރީ ލަންކާ މުސްލިމް ކޮންގްރެސްގެ ލީޑަރު ރައޫފް ހަކީމް ވިދާޅުވީ ބޮމުގެ ހަމަލައިގެ ތަހުގީގަށް މުސްލިމް ކޮމިއުނިޓީން ފުރިހަމަ އަށް އެއްބާރުލުން ދީފައިވާ ކަމަށެވެ.