ލަންކާގެ 90 ޕަސެންޓް މީހުން މަރުގެ އަދަބަށް ތާއީދު ކުރޭ: ސިރިސޭނާ

ކޮލަމްބޯ (ޖުލައި 31) - ސްރީ ލަންކާގެ 90 ޕަސެންޓް ރައްޔިތުން މަރުގެ އަދަބަށް ތާއީދު ކުރާ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.


ރަތުނަޕޫރާގައި ބޭއްވި ރަސްމިއްޔާތެއްގައި ސިރިސޭނާ ވިދާޅުވީ މަރުގެ އަދަބު ތަންފީޒް ކުރަން އެމަނިކުފާން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ ލަންކާ އިން ޑްރަގުގެ ވަބާ ނައްތާލުން ކަމަށެވެ. އެކަމަކު ސިޔާސީ ބައެއް ފަރާތްތަކުން މަރުގެ އަދަބާ ދެކޮޅު ހަދަމުންތީ ބޮޑެތި މުޖްރިމުން އެކަމުގެ އުފާ ފާޅު ކުރާ ކަމަށް އެމަނިކުފާން ވިދާޅުވި އެވެ.

ލަންކާގައި 43 އަހަރަށް ފަހު މަރުގެ އަދަބު ތަންފީޒް ކުރަން ނިންމައި ސިރިސޭނާ ދާދި ފަހުން ވަނީ ޑްރަގުގެ ހަތަރު ކުށްވެރިއަކަށް މަރުގެ އަދަބު ދިނުމުގެ ލިޔުމުގައި ސޮއި ކުރައްވައިފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަންތަކާ ގުޅިގެން ކޯޓުން މިހާރު ވަނީ އޮކްޓޯބަރު 29 ގެ ކުރިން މަރުގެ އަދަބު ތަންފީޒް ނުކުރުމުގެ އަމުރެއް ނެރެފަ އެވެ.

ޑްރަގު ޑީލަރުންނަށް މަރުގެ އަދަބު ދޭން ސިރިސޭނާ ނިންމެވި ނަމަވެސް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ އެކަމާ ދެކޮޅު ހައްދަވައިފަ އެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ބައެއް ޖަމާއަތްތަކާއި ލަންކާގެ ބައެއް ޖަމާއަތްތަކުން ވެސް ދަނީ އެކަމަށް ދެކޮޅު ހަދަމުންނެވެ. އަދި އެމެރިކާ އާއި އީޔޫ، އިނގިރޭސި ވިލާތް އަދި ކެނެޑާ އިން ވެސް ދަނީ ލަންކާގައި މަރުގެ އަދަބު ނުދިނުމަށް ގޮވާލަމުންނެވެ.

ސްރީ ލަންކާގައި އެޕްރީލް 21 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާގެ ފަހަތުގައި ވަނީ ބައިނަލްއަގުވާމީ ޑްރަގު ޑީލަރުން ކަމަށް ވެސް ސިރިސޭނާ ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.